ޚަބަރު

އދ.ގެ އާންމު މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް ރައީސް އެމެރިކާއަށް ފުރާވަޑައިގަންނަވަނީ


  • މި ދަތުރުފުޅުގައި ސަލާމަތީ މަޖިލީހުގެ ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވާނެ

  • މިއީ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަދަލުވުމުގައި އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ. އަދި މި ސެޝަނުގައި އެމަނިކުފާނު ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު އދ. ސަލާމަތީ މަޖިލީހުގެ އޯޕަން ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން، ވާހަކަފުޅު ދައްކަވާނެކަމަށްވެސް ސަރުކާރުން ހާމަކުރައްވައެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އދ. އާންމު މަޖިލީހުގައި ތަޤުރީރު ކުރައްވާނެ. އދ. ސެކިއުރިޓީ ކައުންސިލުގެ އޯޕެން ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެ. މިއީ ދިވެހި ރާއްޖޭގެ ތާރީޚުގައި އދ.ގެ ސަލާމަތީ މަޖީލީހުގެ ޑިބޭޓެއްގައި ދިވެހި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރު." ހީނާ ވިދާޅުވިއެވެ.

މިމަހުގެ ފަހުކޮޅު ކުރިއަށްގެންދާ އދ.ގެ އާންމު މަޖިލީހުގެ ސެޝަނުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާއިރު، މި ސެޝަނުގެ ހަވާސާގައި ހިނގާ ބައެއް ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އދ އާންމު މަޖިލީހުގައި ހަވާސާގައި ހިނގަމުންދާ ސަމިޓް އޮފް ދަ ފިއުޗާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އަދި ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާއި މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު އދ. އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.