ޚަބަރު

ޖެނުއަރީން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީޓީއޭ ނަގައިގެން


  • ނޮވެމްބަރު 27 އިން ފެށިގެން ދިވެހިންނަށް އީޓީއޭއަށް ރިކުއެސްޓް ކުރެވޭނެ

  • ޖެނުއަރީ 8 އިން ފެށިގެން އީޓީއޭ ނުލާ އެ ޤައުމަށް ދަތުރު ނުކުރެވޭނެ

އިނގިރޭސިވިލާތުގެ ބޯޑަރު ކޮންޓްރޯލް ނިޒާމަށް ގެނައި ބަދަލާއެކު އެ ޤައުމަށް ދަތުރުކުރާ ދިވެހިންނަށް އަންނަ ނޮވެމްބަރު 27 އިން ފެށިގެން އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީ.ޓީ.އޭ.) އަށް ރިކުއެސްޓް ކުރެވޭނެ ކަމަށް ދިވެހި ޚާރިޖީއްޔާއިން ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އިނގިރޭސިވިލާތު ސަރުކާރުން އެ ޤައުމުގެ އިމިގްރޭޝަން ޤަވައިދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަން އެފަރާތުން އަންގަވާފައިވާކަމަށެވެ. މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ އެޤައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، އިނގިރޭސިވިލާތަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުންކަމުގައި އިންގިރޭސި ސަރުކާރާއި ހަވާލާދީ ދިވެހި ޚާރިޖީއްޔާއިން ވިދާޅުވެއެވެ.

މި ބަދަލާ ގުޅިގެން، 27 ނޮވެމްބަރ 2024 އިން ފެށިގެން، ދިވެހިރާއްޖެ ހިމެނޭ ގޮތަށް 49 ޤައުމެއްގެ ރައްޔިތުންނަށް އީޓީއޭ އަށް ރިކުއެސްޓް ކުރެވޭނެއެވެ. އަދި 8 ޖެނުއަރީ 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީޓީއޭ ހޯދުމަށްފަހުގައި ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

އިނގިރޭސިވިލާތައް ދަތުރުކުރާ ފަރާތްތަކުން ހޯދާ އީޓީއޭ އަގަކީ 10 ޕައުންޑެވެ. އީޓީއޭގެ މުއްދަތަކީ 2 ދެއަހަރު ދުވަހެވެ. ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން 6 މަސް ދުވަހަށްވުރެ އިތުރުނުވާގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް ގިނަ ދަތުރުކުރުމުގެ ހުއްދަ ދެއެވެ. އަދި 02 އޭޕްރީލް 2025 އިން ފެށިގެން، އިނގިރޭސިވިލާތަށް ދަތުރުކުރާ، އިނގިރޭސިވިލާތާއި އަޔަލެންޑްގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުންވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރީން އީޓީއޭއަށް ރިކުއެސްޓް ކުރަން ޖެހޭނެކަމަށްވެސް އިންގިރޭސި ސަރުކާރާއި ހަވާލާދީ ދިވެހި ޚާރިޖީއްޔާއިން ވިދާޅުވެއެވެ.

މިއާއެކު އިންގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން މިކަންކަމަށް ސަމާލުވުމަށް ދިވެހި ޚަރިޖީއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.