ޚަބަރު

ރޯމާގެ ކޯޗުކަމުން ޑި ރޮސީ ވަކިކޮށްފި


އިޓާލިއަން ލީގުގެ ރޯމާއިން މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ހޯދިފައިނުވާތީވެ، ކޯޗުކަމުގެ މަގާމުން ޑެނިއަލް ޑި ރޮސީ ވަކިކޮށްފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.

ރޯމާގައި ކުޅުންތެރިއެއްގެ ގޮތުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ޑިރޮސީ ހެޑްކޯޗް ކަމުގެ މަގާމާއި ހަވާލުވެފައިވަނީ މިދިޔަ ޖެނުއަރީ މަހު ކުރިން އެ މަގާމުގައި ހުރި ޖޯސޭ މޮރީނިއޯ މަގާމުން ވަކިކުރުމަށްފަހުގަ އެވެ. އަދި ޑިރޮސީ އާއިއެކު ރޯމާ އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިދިޔަ ޖޫން މަހު ވަނީ 2027 ވަނަ އަހަރުގެ ނިޔަލަށް އިތުރު ކޮށްފަ އެވެ.

ރޯމާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބުގެ ކޯޗު ކަމުގެ މަގާމުން ޑިރޮސީ ވަކިކޮށްފައިވާ ކަމަށާއި އަދި އެއީ މިވަގުތު އެ ކްލަބަށް އެންމެ ރަގަޅު ގޮތް ކަމަށާއި އެ ކްލަބް އޮންނަން ޖެހޭކަމަށް ގަބޫލު ކުރެވޭ ހިސާބަށް ގެންދިއުމުގައި އަދިވެސް ވަގުތު އެބައޮތް ކަމަށެވެ. އަދި ކިރިޔާ ސީޒަން ފަށައިގަތީ ކަމަށާއި އެހެންކަމުން އެކަމަށް އަދި ވަގުތު އެބައޮތް ކަމަށްވެސް ރޯމާ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

މި ހަފްތާގައި ޖެނޯއާ އާއި ދެކޮޅަށް ރޯމާ ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވާއިރު ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން އެ ޓީމަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ރޯމާ އާއިއެކު އެތަކެއް ކާމިޔާބީތަކެއް ހޯދާފައިވާ ޑިރޮސީ ވަކި ކުރުމަށްފަހު އެ މަގާމަށް ދެން ގެންނާނެ ފަރާތެއް އަދި ރަސްމީކޮށް އެ ކްލަބުން ހާމަކޮށްފައެއް ނުވެއެވެ.