ކުޅިވަރު

އެފްއޭއެމްގެ ދަރަނި 85 މިލިޔަނަށް ވުރެ މައްޗަށް ދާނެ


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ދަރަނި 85 މިލިޔަން ރުފިޔާ އަށްވުރެ މަތިވާނެ ކަމަށް ފީފާއިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީން ހާމަކޮށްފިއެވެ. އެ ކޮމިޓީން މިކަން ހާމަކުރީ ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީ ރޫމުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކޮށް، އެ ކޮމެޓީގެ ޗެއާމަން އަޙްމަދު ޒުހޫރު ވިދާޅުވީ މީހާތަނަށް ކަރުދާހުން ފެންނަން ހުރި އަދަދަށް ބަލާއިރު 30 މިލިޔަނާއި 35 މިލިޔަނަށް ވުރެ އެ އިދާރާގެ ދަރަނި މައްޗަށްދާ ކަމަށެވެ. އެކަމަކު ލިބެން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިހާރު ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެންމެ މުހިންމު ކަމަކީ އެ ފައިސާ ހޯދުން ކަމަށާއި، އެއާއެކު އެފްއޭއެމްގެ ހަރުދަނާ އޮނިގަނޑެއް އެކުލަވާލުމަކީ އެންމެ މުހިންމު މަސައްކަތް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"ބައެއް މީޑިއާތަކުން ތިބޭފުޅުން ފެނިވަޑައިގަންނަވާނެ އެފްއޭއެމްގެ ދަރަނީގެ ވާހަކަ. ބައެއް މީޑިއާތަކުން އެބަ ރިޕޯޓުކުރޭ 85 މިލިޔަން ކަމަށް. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލާނީ މި ވަގުތު ފެކްޗުއަލް ދަރަނީގެ ގޮތުގައި (ލިޔެކިޔުމުން ފެންނަ ހުރީ) 30 މިލިޔަނާއި 35 މިލިޔަންނާ ދެމެދުގެ އަދަދެއް." ޒުހޫރު ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ މި ވަގުތު ކޮމިޓީއަށް ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ފައިސާގެ މައްސަލަ ކަމަށާއި، މިއީ ހަޔާތުގައިވެސް ކުރިމަތިލާނެ އެންމެ ބޮޑު ޗެލެންޖް ކަމަށެވެ. އެގޮތުން ފައިސާގެ ދަތިކާމާ ހުރެ އެކްޓިން ޖެނެރަލް ސެކްރެޓެރީ މުޙައްމަދު ޖައުޝަން ޝަރީފް މަސައްކަތް ކުރައްވަނީ އުޖޫރައެއް ނެތި، ގައުމީ ކަމެއްކަން ދެކިގެން ކަމަށް ވިދާޅުވިއެވެ. އަދި އެފްއޭއެމް، އޭގެ ޒާތުގައި ނެތި ގޮސްފައިވާ ކަމަށްވެސް ޒުހޫރު ވަނީ ވިދާޅުވެފައެވެ.

ޒުހޫރު ވިދާޅުވީ ދަރިނަތަކުން އަރައިގަތުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި، މިވަގުތު އެފްއޭއެމް އިން ސަރުކާރުގެ ކުންފުތިކަށް ދޭންޖެހޭ ފައިސާގެ އަދަދު 10 މިލިޔަނަށް އަރާ ކަމަށެވެ. އެކަމަކު މި މަސައްކަތުގައި ސަރުކާރުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަން ޒުހޫރު ވަނީ ފާހަގަކުރައްވާފައެވެ.