ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއިން 1500 މީހުން ތަމްރީންކުރަނީ


ފަތުރުވެރިކަމުގެ ދާއިރާއިން ގއ. އަތޮޅުން 1500 މީހުން ތަމްރީނުކުރުމުގެ އެއްބަސްވުމެއްގައި ޓުއަރިޒަމް މިނިސްޓްރީއާއި، އެޑިޔުކޭޝަން މިނިސްޓްރީއާއެކު ގއ. ވިލިގިލި އަދި ކޮލަމާފުށި ކައުންސިލުން ސޮއިކޮށްފިއެވެ.

މިއީ ޓުއަރިޒަމް ދާއިރާއިން 8000 މީހުން ތަމްރިނުކުރުމުގެ ޕްރޮގްރާމްގެ ދަށުން ވެފައިވާ އެއްބަސްވުމެކެވެ. މިއެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެގެންދާއިރު، އިންސާނީ ވަސީލަތް ތަރައްޤީކުރުމަކީ ވަރަށް މުޙިއްމުކަމެއްކަމަށެވެ. އެހެންކަމުން މިވެވުނު އެއްބަސްވުމުގެ ދަށުން ގއ އަތޮޅުގައި މިހާރު ތަރައްޤީކުރަމުންދާ 6 ރިސޯޓަށް ބޭނުންވާ މީހުން މިއާއެކު ތަމްރީނުވެގެންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިފުރުސަތުގައި މިހާރު ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށްވެސް އިތުރަށް ތަމްރީނުވުމުގެ ފުރުސަތުލިބިގެންދާނެކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު ޝިހާމް ވިދާޅުވީ މިފުރުސަތުގައި ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރި ކޮންމެ މީހަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު، އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު ޝިހާމް އާއި ގއ. ވިލިގިލި ކައުންސިލް ރައީސް ނިޔާޒް ނިޒާރު، އަދި ގއ. ކޮލަމާފުށި ކައުންސިލްގެ ރައީސް އަޙުމަދު ޖަމީލްއެވެ.