ޚަބަރު

މިރޭގެ މެޗަށް ނުކުންނައިރު ބަދަލުހިފުމުގެ ރޫހެއް ނެތް: އިންޒާގީ


ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނިކުންނައިރު، ބަދަލު ހިފުމުގެ ރޫހެއް ނެތް ކަމަށް އިޓަލީގެ އިންޓަރ މިލާނުގެ ކޯޗު ސައިމޮން އިންޒާގީ ބުނެފިއެވެ.

މެންޗެސްޓާ ސިޓީން ވަނީ 2022 އަދި 2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަރ މިލާން ބަލިކޮށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ނަމަވެސް އިންޒާގީ ބުނެފައިވަނީ އެ މެޗުގެ ބަދަލުހިފުމުގެ ވިސްނުމެއް ނެތް ކަމަށާއި، އެކަމަކު 2023 ވަނަ އަހަރުގެ ސީޒަނުގައި ތިން މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމަކާއި ދެކޮޅަށް ނިކުންނައިރު އެކަމަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ.

ސިޓީން އިންޓަރ މިލާނާ ދެކޮޅަށް ނިކުންނައިރު އެ ޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. އެގޮތުން ލީގުގައި ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި އޮތްއިރު އާލިން ހާލަންޑް ވަނީ ހަތަރު މެޗުން ދެ ހެޓްރިކް ހަދާފައެވެ.

ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު ކުޅޭ މި މެޗަށް ދެ ޓީމުގެ އެންމެ ފަހުގެ ފަރިތަކުރުންތައް ބާއްވާފައިވާއިރު, އިންޒާގީ އިތުރަށް ބުނެފައިވަނީ މި މެޗަކީ އާ ފޯމެޓަކަށް ޗެމްޕިއަންސް ލީގުގައި ދެ ޓީމުންވެސް ކުޅޭ ފުރަތަމަ މެޗު ކަމަށާއި، އެހެންކަމުން މި މެޗު ފައިނަލް މެޗަކާއި އެއްގޮތް ނުވާނެ ކަމަށެވެ.

އަދި މި މެޗުގައި ސިޓީ ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅޭއިރު ކަންތައްތައް ކުރަންވީ ގޮތް ކުޅުންތެރިންނަށް އެނގޭނެ ކަމަށާއި، މި މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.