ޚަބަރު

ލީގު ކަޕް: ޔުނައިޓެޑަށް ތަފާތު ބޮޑު މޮޅެއް


އިނގިރޭސި ލީގު ކަޕުގައި ބާންސްލީއާ ދެކޮޅަށް ކުޅުނު މެޗު 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ގަދަ 16 ބުރުގެ ޖާގައެއް މެންޗެސްޓާ ޔުނައިޓެޑުން ހޯދައިފިއެވެ.

މިއީ ޓެން ހާގް، އެ ޓީމުގެ ކޯޗުކަމާއި ހަވާލުވި ފަހުން ޔުނައިޓެޑް މެޗަކުން މޮޅުވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. އަދި މިއީ 2021 ވަނަ އަހަރު ސައުތެމްޓަން އަތުން ޔުނައިޓެޑް 9-0 ގެ ނަތީޖާއަކުން މޮޅުވި ފަހުން އެ ޓީމަށް ހޯދުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗު އެއްކޮށް ޑޮމިނޭޓްކޮށްފައިވަނީ ޔުނައިޓެޑުންނެވެ. އަދި މެޗުގެ 16 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ވަނީ ލަނޑެއް ޖަހައި ބާންސްލީގެ ގޯލު ހުޅުވާލާފައެވެ.

އަދި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 35 ވަނަ މިނިޓުގައި އެންތަނީ ވަނީ ލަނޑެއް ޖަހާފައެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ގާނާޗޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ގާނާޗޯ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އަދި މެޗުގެ 58 ވަނަ މިނިޓުގައި ރަޝްފޯޑް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފައެވެ.

މި މެޗުގައި ޔުނައިޓެޑުން ޖެހި ހަވަނަ ލަނޑާއި ހަތްވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކްރިސްޓިއަން އެރިކްސަންއެވެ.