ސައުދީ ޕްރޯ ލީގުގައި ވާދަކުރަމުން އަންނަ އަލް ނަސްރުގެ ކޯޗުގެ މަގާމުން ލުއިސް ކާސްޓްރޯ އިސްތިއުފާދީފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯވެސް ކުޅެމުންދާ އަލް ނަސްރު މިވަގުތު އޮތީ ސައުދީ ލީގުގެ ހަތްވަނައިގައި ފަސް ޕޮއިންޓާއެކުގައެވެ. އަދި ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން އެ ޓީމަށް މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ.
ސައުދީ ކްލަބްތަކުން ބޮޑު ހޭދަތަކެއް ކުރަމުންދާއިރު, އެންމެ ބޮޑު ހޭދައެއް ކުރާ އެއް ކްލަބަކީ އަލް ނަސްރު އެވެ. ކާސްޓްރޯގެ އިރުޝާދުގެ ދަށުން އެ ޓީމު ދާދި ފަހުން ކުޅުނު ސައުދީ ސުޕަ ކަޕްގެ ފައިނަލުން ވަނީ 4-1 ގެ ނަތީޖާއަކުން އަލް ހިލާލް އަތުން ބަލިވެފައެވެ. އަދި މި ހަފުތާގައި އޭއެފްސީ ޗެމްޕިއަންސް ލީގުގައި އިރާގުގެ އަލް ޝޯޓާއާ ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗަށް ދިޔަ ޓީމާއެކު ރޮނާލްޑޯ ދަތުރުކޮށްފައެއް ނުވެއެވެ.
2023 ވަނަ އަހަރުގެ ޖުލައި މަހު އުމުރުން 63 އަހަރުގެ ކާސްޓްރޯ އަލް ނަސްރުގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ހުރީ ބްރެޒިލްގެ ޓީމެއްގެ ކޯޗުގެ މަގާމުގައެވެ.
ކާސްޓްރޯގެ އިރުޝާދުގެ ދަށުން އަލް ނަސްރުން ވަނީ މިދިޔަ އަހަރުގެ އަރަބް ކްލަބް ޗެމްޕިއަންސް ކަޕް ކާމިޔާބުކޮށްފައެވެ. ނަމަވެސް ސައުދީ ޕްރޯ ލީގު އަލް ނަސްރުން ނިންމާލާފައިވަނީ ދެވަނައިގައެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އަލް ނަސްރުގެ ކޯޗުކަމާ ހަވާލުވުން އެންމެ ކައިރީ މީގެ ކުރިން އޭސީ މިލާނަށް އިރުޝާދުދިން ސްޓެފާނޯ ޕިއޯލީއެވެ.