ޔުއެފާ ޗެމްޕިއަންސް ލީގުގައި ކްރޮއޭޝިއާގެ ޑީނަމޯ ޒެގްރެބް އަތުން 9-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވިއިރު، އެ ޓީމުގެ ފޯވާޑް ހެރީ ކޭން ހެދި ހެޓްރިކާއެކު ރިކޯޑެއް ގާއިމުކޮށްފިއެވެ.
މި މެޗުގައި ޖެހި ލަނޑުތަކާއެކު، ކޭން ވަނީ މި މުބާރާތުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި އިނގިރޭސި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ކޭން ވަނީ މިހާތަނަށް ޗެމްޕިއަންސް ލީގުގައި 33 ލަނޑު ޖަހާފައެވެ. އަނެއްކޮޅުން، މިއީ މި ފަހަރުގެ ސީޒަނުގައި ކޭން ހެދި ދެވަނަ ހެޓްރިކެވެ. އޭނާ ވަނީ ޖަރުމަން ލީގުގައި މި ހަފުތާގެ ހޮނިހިރު ދުވަހު ހޯލްސްޓެއިން ކިއެލްއާ ދެކޮޅަށްވެސް ހެޓްރިކެއް ހަދާފައެވެ. މީގެ އިތުރުން މި މެޗަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި މެޗެވެ.
އެލިއާންޒް އެރީނާގައި މިރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ 11 ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި ޖެހި ތިން ލަނޑުވެސް ކާމިޔާބުކުރީ ބަޔާނުންނެވެ. އެގޮތުން މެޗު ފެށިގެން 19 ވަނަ މިނެޓުގައި ބަޔާންގެ ފުރަތަމަ ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ކޭންއެވެ. އޭގެފަހުން މެޗުގެ 33 ވަނަ މިނެޓުގައި ޖަރުމަނުގެ މިޑްފީލްޑަރު ޖަމާލް މުސިއާލާ ދިން ބޯޅައަކުން ރަފައެލް ގުއެރޭރޯ 2-0 އަށް ނަތީޖާ ބަދަލުކޮށްލިއިރު، ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް، ބަޔާންގެ ތިންވަނަ ލަނޑު ޖަހައިދިނީ މައިކަލް އޮލީސޭއެވެ.
މި މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓުގެ ތެރޭގައި ޑީނަމޯ ޒެގްރެބުން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 49 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު، ބްރޫނޯ ޕެޓްކޮވިޗް ކާމިޔާބުކޮށްދިންއިރު، އޭގެ މިނެޓެއް ފަހުން ޓަކޫޔާ އޮގިވާރާ ވަނީ ފަރަގު ކުޑަކޮށްދީފައެވެ.
ނަމަވެސް، އޭގެ ފަހުން ހަތަރު މިނެޓުގެ ތެރޭގައި ކޭން އާއި އޮލީސޭ ވައްދާލި ލަނޑުތަކާއެކު ބަޔާނުން ވަނީ އަލުން ލީޑު ފުޅާކޮށްފައެވެ. އަދި މެޗުގެ 73 އާއި 78 ވަނަ މިނެޓުގައި ލިބުނު ދެ ޕެނަލްޓީގެ އެހީގައި ކޭން ވަނީ ހެޓްރިކް ފުރިހަމަކޮށް، ބަޔާނަށް މޮޅު ކަށަވަރުކޮށްދީފައެވެ. މި މެޗުގައި ބަޔާނުން ޖެހި ފަހު ދެ ލަނޑު ޖަހައިދިނީ ލެރޯއީ ސާނޭ އާއި ލެއޮން ގޮރެޓްޒްކާއެވެ.
މި މުބާރާތުގައި ބަޔާނުން ދެން ކުޅޭ މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު އެވެ.