ކުޅިވަރު

ސްޓުޓްގާޓް އަތުން ރެއާލަށް އުނދަގޫ މޮޅެއް


އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނުގެ ސްޓުޓްގާޓް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ.

މިރޭގެ މެޗަށް ރެއާލުން ނިކުތްއިރު އެންމެ ފަހުން ލީގުގައި ރެއާލް ސޮސިއެޑާޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ވަނީ ހަތަރު ބަދަލެއް ގެނެސްފައެވެ. އޭގެތެރޭގައި މިފަހަރުގެ ސީޒަނުގައި މިހާތަނަށް އައިރު އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައިވާ ޖޫޑް ބެލިންހަމް އާއި ފްރާންސްގެ މިޑްފީލްޑަރު އޯރެލިއަން ޗުއަމެނީއަށް ފުރަތަމަ އެގާރައިން ވަނީ ފުރުޞަތު ދީފައެވެ.

ސަންޓިއާގޯ ބާނަބެއުގައި ކުޅުނު މި މެޗު ފެށިގެން މޮޅަށް ކުޅެމުންދިޔަ ސްޓުޓްގާޓުން ވަނީ ރެއާލްގެ ޑިފެންސްލައިނަށް އުނދަގޫތައް ކުރިމަތިކޮށްފައެވެ. އެގޮތުން، މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ގޯލްކީޕަރު، ތިބައޫ ކޯޓުއާއަށް ވަނީ ސްޓުޓްގާޓްގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް މަތަކުރަން ޖެހިފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއްވެސް ފަހު ހާފުގައި ކާމިޔާބުކުރިއިރު، ރެއާލުން ލީޑު ނެގީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ފުރަތަމަ މިނެޓުގައެވެ. އަވަސް ކައުންޓަރ އެޓޭކެއްގައި ރޮޑްރީގޯ ނަގައިދިން ހުރަހަކުން މި ލަނޑު ޖަހައިދިނީ ފްރާންސްގެ ތަރި، ކީލިއަން އެމްބާޕޭއެވެ. މިއީ ޗެމްޕިއަންސް ލީގުގައި ރެއާލަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ސްޓުޓްގާޓުން ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ފޯވާޑް، ޑެނިޒް އުންޑާވް އެވެ. އޭނާ މި ލަނޑުޖެހީ ސްޓުޓްގާޓްގެ ޖެމީ ލުވެލިންގ ދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އެކަމަކު މި މެޗުގެ 83 ވަނަ މިނެޓުގައި ރެއާލުން އަނެއްކާވެސް ލީޑު ނެގީ ފަހު ހާފުގައި ކުޅެން ނުކުތް ކްރޮއޭޝިއާގެ މިޑްފީލްޑަރު، ލޫކަ މޮޑްރިޗް ނަގައިދިން ކޯނަރަކުން، އެ ޓީމުގެ ޖަރުމަނު ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ބޮލުން ވައްދާލި ލަނޑުންނެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތެރޭގައި ރެއާލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކް، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ލަނޑުންނެވެ.

މި މުބާރާތުގައި ރެއާލަށް ދެން އޮތީ އަންނަ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު ރަށުން ބޭރުގައި ފްރާންސްގެ ލިލްއާ ބައްދަލުކުރާ މެޗެވެ.