ޚަބަރު

ދިވެހި ޒުވާނުން ކުރިއަރައި ދިއުމަށް އެއްވެސް ހުރަހެއް ނެތް: ވަޒީރު ސަޢީދު


  • ރާއްޖޭގައި އޮންލައިން ވިޔަފާރި ކުރާ 400 އަށް ވުރެ ގިނަ މީހުން އެބަތިބި

ދިވެހި ޒުވާނުން ކުރިއަރައި ދިއުމަށް ލިބޭ ފުރުސަތު މަދުވިނަމަވެސް ކުރިއަރައި ދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީ ފަންޑާއި، ފަސް އަހަރުގެ ސްޓްރެޓެޖީ ތަޢާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުފުޅެވެ. މިކަން ފަހިކުރުމަށް އިސްތިރާޖީ މަގުޗާޓެއް އިފްތިތާޙްކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު ވިދާޅުވީ ރާއްޖެއިން ފަންނުވެރި އިޤްތިޞާދެއް ތަރައްޤީ ކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ދާދި ފަހުން އެމެރިކާއާއެކު ބޭއްވި ޓްރޭޑް އެންޑް އިންވެސްޓްމެންޓް ފްރޭމްވޯކް އެގްރިމެންޓުގެ މަޝްވަރާތަކުގެ ތެރެއިންވެސް ކްރޮސް ބޯޑަރ ޓްރާންސެކްޝަން ނުވަތަ ދެ ޤައުމު ދެމެދު ކުރެވޭ މުޢާމަލާތްތަކަށް ފުރުސަތު ދިނުމާއި ގުޅޭ މަޝްވަރާތައް ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ޔޫޓިއުބާއި ގޫގުލް އަދި ޕޭޕަލް ފަދަ ޕްލެޓްފޯމްތަކާއި ވާހަކަ ދައްކައިގެން މި ޚިދުމަތްތައް މެދުވެރިކޮށް ފައިސާ ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މިއީ ރާއްޖޭގައި އޮންލައިންކޮށް ވިޔަފާރި ކުރާ ގިނަ ޒުވާނުން އިންތިޒާރު ކުރަމުން އަންނަ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

" ރާއްޖޭގެ ފަންނުވެރިން ޒުވާނުން އިންތިރާޒުކުރަމުން އަންނަ ކަމެއްވީމަ ތަކުރާރުކޮށް އެ ވާހަކަ ދައްކަނީ. މިނިސްޓްރީ މެދުވެރިކޮށް އަޅުގަނޑުމެން ކުޑަކުޑަ މަސައްކަތެއް ކުރިން، ކިހާވަރެއްގެ ފަންނުވެރިންނެއްތޯ އޮންލައިންކޮށް މަސައްކަތް މިކުރަނީ، މިގޮތަށް އަޅުގަނޑުމެން ބެލިއިރު އެކްޓިވްލީ ތަކެތި އުފައްދައިގެން ވިޔަފާރިކުރާ 400 އަށް ވުރެ ގިނަ ފަރާތްތައް އެބަތިބި " ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އިޤްތިޞާދީ ތަރއްޤީއާ ބެހޭ ވަޒީރު ވާހަކަފުޅުގައި ވިދާޅުވީ އީކޮމާސް ޕްލެޓްފޯމްތަކަށް ބޭނުންވާ ސައިޒެއް ރާއްޖޭގެ މާކެޓުގައި ނެތްކަމަށެވެ. ނަމަވެސް މަސައްކަތް ފެށީމަ އެ ކަމަށް މަގުފަހިވާތަން ފެންނާނެކަމަށް ވިޔަފާރިއާއި ބެހޭ ވަޒީރު ވިދާޅުވިއެވެ. އެހެން ކަމުން މިގޮތަށް ހޯދާ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

" ދިވެހި ޒުވާނުންނަށް މި ލިބޭ ފުރުސަތުތަކުގެ އަދަދު ކުޑަވެދާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ކުރިއަރާ ދެވޭނެ ޖާގަ ވަރަށް ބޮޑަށް ފުޅާވެގެންދާނެ. އޭގެ ލިމިޓެއް އޮތް ކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން " ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޕޭޕަލް މެދުވެރިކޮށް ދާދި އަވަހަށް ކޮރޮސްބޯޑަރ ޓްރާންސެކްޝަނަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކަށް ދުނިޔޭގެ ބޮޑެތި ބާޒާރުތަކުން ފުރުސަތު ފަހިކޮށްދިނުމުން ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ކުރިއަރައިގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.