ކުރިއަށް އޮތް 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ބޫޓާނަށް ފުރައިފިއެވެ. މުބާރާތުގައި ވާދަކުރުމަށް ޒުވާން ޓީމު ފުރާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ބޫޓާނުގައި މި މަހު 20-30 އަށް ބާއްވާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝް އާއެކު ގްރޫޕް އޭގައެވެ. މި މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ ބޫޓާނުގެ އިތުރުން ނޭޕާލާއި، ޕާކިސްތާން އަދި ސްރީ ލަންކާއެވެ.
މި މުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ. އަދި އޭގެ ދެ ދުވަސް ފަހުން އިންޑިއާއާ ދެކޮޅަށް ނުކުންނާނެއެވެ. މި މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމުގެ ކޯޗަކީ މުޙައްމަދު އާދަމެވެ. އޭނާ އަކީ މީގެ ކުރިން ވިކްޓަރީ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވިކްޓަރީއަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދީފައިވާ ކޯޗެކެވެ. މުޙައްމަދު އާދަމްގެ އިރުޝާދުގެ ދަށުން މީގެ މަހެއްހާ ދުވަސް ކުރިން ޒުވާން ޓީމުން ފަރިތަކުރުންތައް ފެށިއިރު، އެ ޓީމުން ވަނީ ތަމްރީނު ހޯދުމުގެ ގޮތުން އެކުވެރިކަމުގެ ގިނަ މެޗުތަކެއްވެސް ކުޅެފައެވެ.