ދުނިޔެ

ފަލޫޖާގައި ކުރިއަށްގެންދާ އޮޕަރޭޝަން މަޑުޖައްސާލައިފި


އައިއެސް ޖަމާއަތުގެ އަތްދަށުގައިވާ އިރާގުގެ ރަށެއްކަމަށްވާ ފަލޫޖާ މިނިވަންކުރުމަށް ސިފައިން ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަނުގެ ދުވެލި ލަސްކޮށްލާފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ވިދާޅުވެއްޖެއެވެ. 

އަބާދީ ވިދާޅުވީ އަސްކަރީ އޮޕަރޭޝަން ލަސްކޮށްލަން ޖެހުނީ އައިއެސްގެ ހަނގުރާމަވެރިން ފަލޫޖާގެ އާންމުން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔުމާއެކު އާންމުންގެ ފުރާނަ ސަލާމަތް ކުރުމުގެ ގޮތުންކަމަށެވެ. ފަލޫޖާގެ އެތެރޭގައިވާ އަވަށްތަކުގައި ބައިލައްކަ އަށްވުރެ ގިނަ އާންމުން ތާށިވެފައިވާއިރު އޭގެތެރޭގައި ވިއްސަކަށް ހާސް ކުޑަކުދިންނާއި ދިހަވަރަކަށް ހާސް އަންހެނުން ހިމެނެއެވެ. 

މީގެ ދިހަވަރަކަށް ދުވަސްކުރި އިރާގު ސިފައިން ފެށި ފަލޫޖާ މިނިވަން ކުރުމުގެ އޮޕަރޭޝަނަކީ ބައިނަލްއަގްވާމީ އަދި ސަރަހައްދީ ބާރުތަކުގެ އަސްކަރީ އެހީތެރިކަންވެސް ލިބިގެން ފެށި އޮޕަރޭޝަނެކެވެ. މިގޮތުން އިރާގު ސިފައިންގެ މިއޮޕަރޭޝަނަށް އެމެރިކާގެ ވައިގެ އެހީތެރިކަން ލިބޭއިރު އީރާނުގެ އަސްކަރީ ތަޖްރިބާކާރުންނާއި މުސްތަޝާރުން އިރާގު ސިފައިންނަށް ލަފައާއި އިރުޝާދު ދެމުންގެންދާކަމަށް އިރާގު ސަރުކާރުން ބުނެއެވެ. މި އޮޕަރޭޝަންގައި ފަލޫޖާގެ އެތެރޭގެ ސަރަހައްދުތަކަށް ހަމަލާތައްދޭން ފަށާތާ ދެދުވަހުގެ ތެރޭގައި އައިއެސްގެ އަތްދަށުން އެރަށް މިނިވަން ކުރެވޭނެ ކަމަށްވެސް އިރާގު ސިފައިން ބުނެއެވެ.