އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ބަލި ޖެހިފައިވާ މީހަކު މެލޭޝިޔާއިން ފެނިއްޖެއެވެ. އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, އެ މީހާއަށް ބެލި ޖެހިފައި ވަނީ އެމްޕޮކްސްގެ ކްލޭޑް 2 ވޭރިއެންޓުގެ ސަބަބުން ކަމަށް ދެނެގަނެވިފައިވާ ކަމުގައެވެ.
އެފްރިކާގެ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެމްޕޮކްސް ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި, ބަލިމަޑުކަމެއް ފެށިދާނެ ކަމުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން އޮގަސްޓު މަހުގެ ކުރީކޮޅު ވަނީ ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. 2023 ޖަނަވަރީން ފެށިގެން ބަލި ފެތުރެމުންދާ ކޮންގޯއާ އިންވެގެން އޮންނަ ބައެއް ޤައުމުތަކަށް ވެސް މިހާރު ބަލީ ފެތުރެން ފަށާފައެވެ.
މެލޭޝިޔާއިން އެމްޕޮކްސް ބަލި ފެނިފައި ވަނީ ހުން އައުމާއި އަރިދަފުސް އެޅުމާ ގުޅިގެން ސެޕްޓެންބަރު 16ވަނަ ދުވަހު ޑޮކްޓަރަށް ދެއްކި މީހެއްގެ ފުށުންނެވެ. އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, އެ މީހާ އެކަހެރިކޮށްފައިވާ ކަމަށާއި, އޭނާގެ ޞިއްޙީ ހާލު ރަނގަޅު ކަމުގައެވެ. މިއީ, 2023 ޖުލައިއަށް ފަހު މެލޭޝިޔާއިން އެމްޕޮކްސް ބަލި ޖެހިފައިވާ ކަމަށް ދެނެގަނެވިފައިވާ 10ވަނަ މީހާއެވެ. އެ އެންމެންނަށް ވެސް ބަލި ޖެހިފައި ވަނީ ކްލޭޑް 2 ވޭރިއެންޓުގެ ސަބަބުންނެވެ.
މެލޭޝިޔާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, އެމްޕޮކްސް ބަލި ޖެހިގެން ފަރުވާ ދޭން ފަށާފައި ވަނީ އެ ޤައުމުގެ ރައްޔިތަކަށް ކަމުގައެވެ. އަދި, އޭނާއަކީ ފާއިތުވި 21 ދުވަހުގެ ތެރޭގައި ބޭރު ޤަައުމަކަށް ދަތުރު ކޮށްފައިވާ މީހެއް ނޫން ކަމުގައެވެ. "އޭނާއާ އެއްތަންވި މީހުން ދެނެގަތުމަށް މިހާރު މި ދަނީ މަސައްކަތް ކުރަމުން. އަދި, އެ މީހުންގެ ޞިއްޙީ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރެވޭނެ،" އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި ނުރައްކާތެރި ބަލި މި ވަގުތު އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ, އަދި އެ ޤައުމާ އިންވެގެން އޮންނަ ޤައުމުތަކުގައެވެ. މި އަހަރުގެ މިހާތަނަށް ކޮންގޯއިން ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވުނު މީހުންގެ ޢަދަދު 19,710އަށް އަރައެވެ. އަދި, 5,041 މީހަކަށް ބަލި ޖެހިފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު, އޭގެ ތެރެއިން 655 މީހުން ވަނީ މަރުވެފައެވެ.
އެންމެ ފަހުން މި ނުރައްކާތެރި ބަލި ޖެހިފައިވާ މީހުން ދެނެގަނެވިފައިވާ ޤައުމުތަކުގެ ތެރޭގައި މަޣުރިބު, އިންޑިޔާ, އުރުދުން, ތައިލެންޑް, ބަންގްލަދޭޝް އަދި ސްވިޑެން ހިމެނެއެވެ. ކޮންގޯގެ އިތުރުން ދެވަނައަށް އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ ބުރުންޑީގައެވެ. އެ ޤައުމުން ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 1,000އަކަށް ވުރެ ގިނަ މީހުން ދެނެގަނެވިފައިވާއިރު, ނައިޖީރިޔާއިން ވެސް ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 868 މީހުން ވަނީ ފެނިފައެވެ.
އެފްރިކާ ބައްރުގެ ޤައުމުތަކުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ޢަދަދަކަށް ވެކްސިން ލިބެން ނެތުމެވެ. އެފްރިކާގެ ޤައުމުތަކަށް ބޭނުންވާ ވެކްސިން ގަތުމަށް ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފު)ން ދާދި ފަހުން ވަނީ ބޮޑު އޯޑަރެއް ޖަހާފައެވެ. އަދި, ވެކްސިން ހަދިޔާ ކުރުމަށް ވެކްސިން އުފައްދައި ގުދަން ކޮށްފައިވާ ޤައުމުތަކަށް ގޮވައިލާފައެވެ. މި ގޮވައިލުމަށް އިޖާބަ ދިނުމުގެ ގޮތުން ވިލާތުގެ އިއްތިހާދު (އީޔޫ)ން ވަނީ ކޮންގޯއަށް ވެކްސިން ފޯރުކޮށްދޭން ފަށާފައެވެ.
ޢާންމު ގޮތެއްގައި އެމްޕޮކްސަކީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށް ޖެހޭ ނުރައްކާތެރި ބައްޔަކަށްވީ ނަމަވެސް, ކޮންގޯގައި ފެތުރެމުންދާ ބަލީގެ އައު ވޭދަނައެއްގެ ސަބަބުން 15 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެސް ދަނީ ބަލި ޖެހެމުންނެވެ. މި ވަގުތު ކޮންގޯގައި ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.