ދުނިޔެ

"ޕާކިސްތާނުގެ ކުރިމަގަށް ގޮންޖެހުންތަކެއް އެބަހުރި"


މިއީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް ގެ ސަރުކާރުގެ ހަތަރުވަނަ ޕާލިމެންޓްރީ އަހަރެވެ. ޕާކިސްތާނުގެ ޕާލިމެންޓްރީ އަހަރު ފަށަނީ ކޮންމެ މީލާދީ އަހަރެއްގެ ޖޫންމަހުގެ ފުރަތަމަ ހަފްތާގައެވެ. 

ޕާލަމެންޓްރީ އައު އަހަރު ފެށުމުގެ ގޮތުން ބާއްވާ ޕާލިމެންޓްގެ ތިރިގެއާއި މަތިގޭގެ ގުޅިފައިވާ ޖަލްސާގައި އައު ދައުރަކަށް ޕާލަމެންޓް އިފްތިތާޙްކޮށްދެއްވައި ރިޔާސީ ޚިތާބު އިއްވަވާނީ ޕާކިސްތާނުގެ ރައީސްއެވެ. މިއަހަރުގެ މިޖަލްސާއަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އަށް ޙާޒިރު ވެވަޑައިގެންނެވޭގޮތް ވެފައެއް ނުވެއެވެ. ނަވާޒް ޝަރީފު އޮންނެވީ ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރެއްވުމަށްފަހު އަރާމުކުރެއްވުމަށްޓަކައި ލަންޑަންގެ ހޮސްޕިޓަލެއްގައެވެ. 

ބުދަދުވަހު ބޭއްވި ޕާކިސްތާނުގެ ޕާލަމެންޓް އައު އަހަރަކަށް އިފްތިތާޙް ކުރުމުގެ ޖަލްސާގައި އެގައުމުގެ ރައީސް މަމްނޫން ޙުސައިން ދެއްވި ރިޔާސީ ޚިތާބުގައި އަލި އަޅުއްވާލައްވާފައިވަނީ ޕާކިސްތާނަށް ކުރިމަތިވެފައިވާ ތާލިބާންފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ނުރައްކާތަކާ ބެހޭގޮތުންނާ އަދި ފާއިތުވި އަހަރު ޕާކިސްތާނުގެ ސަރުކާރުން ހާސިލްކުރި ބޮޑެތި ކަންކަމުގެ މައްޗަށެވެ. އަދި ކުރިޔަށްއޮތް އަހަރު ޕާކިސްތާނުގެ ސަރުކާރުން އިސްކަން ދޭނެ މައިގަނޑު ކަންކަމުގެ މައްޗަށްވެސް މަމްނޫން ހުސައިންގެ ޚިތާބުގައި އަލިއަޅުއްވާލައްވާފައިވެއެވެ. 

ރިޔާސީ ޚިތާބުގައި މަމްނޫން ހުސައިން ވިދާޅުވީ ދުނިޔޭގައި އަމްނާއި ސުލްޙަ ގާއިމްވެ ދުނިޔޭގެ އެހެން ގައުމުތަކާ ރަހްމަތްތެރިކަން ދަމަހައްޓައި ސުލްހަވެރިކަމާއެކު ދިރިއުޅުމަށް ޕާކިސްތާނުން އިސްކަން ދޭކަމަށާ އަދި ޚާއްސަކޮށް އަވަށްޓެރި ގައުމުތަކާއެކު ސުލްހަވެރި ގުޅުންތައް ދެމެހެއްޓުމަށް އިސްކަންދޭ ކަމަށެވެ. އަދި މިސަރަހައްދުގެ ހަމަޖެހުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަޝްމީރުގެ މައްސަލަ ކަމަށްވެސް މަމްނޫން ހުސައިން ސިފަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14648503006256.jpg|ކަޝްމީރު

" ދުނިޔޭގައި އަމަން އަމާންކަން ގާއިމްކޮށް އެހެން ގައުމުތަކާއެކު ޚާއްސަކޮށް އަވަށްޓެރި ގައުމުތަކާއެކު ރަހްމަތްތެރިކަން ދަމަހައްޓައި ސުލްޙަވެރިކަމާއެކު ދިރިއުޅުމަކީ އަހަރެމެންގެ އުންމީދު، މިސަރަހައްދުގައި ހަމަނުޖެހުން އުފެދޭ އެންމެ ބޮޑުމައްސަލައަކީ ކަޝްމީރުގެ މައްސަލަ، ޖަންމޫ ކަޝްމީރުގެ ރައްޔިތުން އެދޭގޮތަށާއި އދ. ގެ ގަރާރުތަކާ އެއްގޮތަށް މިމައްސަލަ ޙައްލު ނުކުރެވޭނަމަ މިސަރަހައްދުގެ މައްސަލަތައް އޮންނާނީ ޙައްލު ނުކުރެވި." ހިތާބު ދެއްވަމުން މަމްނޫން ވިދާޅުވިއެވެ. 

ދެކުނު އޭޝިޔާ ސަރަހައްދުގެ އެންމެ ބޮޑު ދެގައުމު ކަމަށްވާ އިންޑިޔާއާއި ޕާކިސްތާނުގެ ގުޅުންތަކަށް އެޅިފައިވާ އެންމެ ބޮޑު ހިޔަންޏަކީ ކަޝްމީރުގެ މައްސަލައެވެ. ނަވާރަސަތޭކަ ސާޅީސް ހަތްވަނަ އަހަރު އިންޑިޔާއަށާއި ޕާކިސްތާނަށް މިނިވަންކަން ލިބި ވަކި ދައުލަތެއްގެ ގޮތުގައި ޕާކިސްތާން އުފެދުމަށްފަހު އެދެގައުމުން މިހާތަނަށް ތިން ހަނގުރާމައެއް ކޮށްފައިވެއެވެ. މިތިން ހަނގުރާމަވެސް ގުޅިފައިވަނީ ކަޝްމީރުގެ މައްސަލައާއެވެ. ޕާކިސްތާނާއި އިންޑިޔާގެ ގުޅުންތައް ރަނގަޅު ނުވެ ދެގައުމުގެ ދެމެދުގައި އިތުބާރާއި ޔަގީންކަން ގެއްލިފައިވަނީވެސް ކަޝްމީރުގެ މައްސަލައިގެ ސަބަބުންނެވެ. މުސްލިމުންގެ އާބާދީބޮޑު ޖަންމޫ ކަޝްމީރާ ބެހޭގޮތުން އދ. އިން ފާސްކޮށްފައިވާ ގަރާރު ގޮވާލަނީ އެސަރަހައްދުގެ ރައްޔިތުން އެދޭގޮތް ވޯޓަކުން ބެލުމަށްފަހު އެއާއެއްގޮތަށް ކަޝްމީރުގެ މައްސަލަ ހައްލު ކުރުމަށެވެ. 

ނަމަވެސް އދ. ގެ މިގަރާރާ އެއްގޮތަށް އަމަލުކޮށް އެގަރާރު ތަންފީޒު ކުރުމަށް އިންޑިޔާ ދަނީ ފަސްޖެހެމުންނެވެ.