ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ޖަރުމަނުގެ ވީއެފްބީ ސްޓުޓްގާޓާ ދެކޮޅަށް ރެއާލް މެޑްރިޑް ނިކުންނައިރު އެ ޓީމުގެ ބައެއް ކުޅުންތެރިން އަނިޔާއިން ރަނގަޅުވެ ޓީމާއި ގުޅިފައިވާކަމީ އެ ޓީމަށް ލިބޭ ހިތްވަރެއް ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ރެއާލްގެ ދަނޑުގައި ކުޅޭ މި މެޗަށް އެ ޓީމު ތައްޔާރުވަމުންދާއިރު, އަންޗެލޮޓީ ބުނެފައިވަނީ އެ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ކަމުގައިވާ ޖޫޑް ބެލިންހަމް, އައުރެލިއަން ޗޫމޭނީ އަދި ޑިފެންޑަރ އެޑަރ މިލިޓާއޯ އަނިޔާއަށްފަހު ޓީމާއި ގުޅިފައިވާ ކަމީ އޭނާއަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ތަށި ދިފާއު ކުރުމަށް ރެއާލްއިން އާ އަހަރުގެ މުބާރާތުގެ ފުރަތަމަ މެޗަށް މިރޭ ނިކުންނައިރު އަންޗެލޮޓީ ބުނެފައިވަނީ އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މި މެޗުގައި އޭނާގެ ޓީމަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމުގައިވާ ކިލިއަން އެމްބާޕޭ ކުޅޭ ކަމެވެ.
ޔޫރަޕްގެ ތިން މުބާރާތުގެ ފޯމެޓަށް ބަދަލު ގެނެސް ގިނަ މެޗުތަކެއް ކުޅެން ޖެހޭ ގޮތަށް ހަދާފައިވާއިރު, އެކަމާއި ގުޅޭ ގޮތުން އަންޗެލޮޓީ ބުނެފައިވަނީ އެއީ ވިސްނަން ޖެހޭ ކަމެއް ކަމަށާއި އާ ފޯމެޓާއިއެކު އެ ޓީމަށްވެސް ގިނަ މެޗުތަކެއް ކުޅެން ޖެހޭއިރު ކަންތައްތައް ވެގެންދާނެ ގޮތެއް ނޭނގޭ ކަމަށެވެ. ފީފާ ކްލަބް ވޯލްޑް ކަޕަށް ގެނެސްފައިވާ ބަދަލާއިއެކު ޖުމްލަ 32 ޓީމު ވާދަކުރާ މި މުބާރާތް އަންނަ ޖޫން މަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި ރެއާލް މެޑްރިޑް ވާދަކުރާނެ އެވެ.
ކޯޗެއްގެ ގޮތުގައި ފަސް ފަހަރު އަދި ކުޅުންތެރިއެއްގެ ގޮތުގައި ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އަންޗެލޮޓީ ބުނެފައިވަނީ މި މުބާރާތަކީ އޭނާއަށް ޚާއްސަ މުބާރާތެއް ކަމަށާއި އެހެންކަމުން މި މުބާރާތް ކާމިޔާބުކުރުމަށް އޭނާ ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑް އިން ކާމިޔާބުކޮށްފައިވަނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ބަލިކުރުމަށްފަހުގަ އެވެ. މިއީ އެ ކްލަބުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި 11 ވަނަ ފަހަރެވެ.