ޚަބަރު

މެންޗެސްޓާ ސިޓީގެ މައްސަލައިގެ އަޑުއެހުންތައް ފަށައިފި


އިނގިރޭސި ޕްރިމިއަރ ލީގުން މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ބަލާ 115 މައްސަލައިގެ އަޑުއެހުންތައް އިއްޔެ ލަންޑަނުގައި ފަށައިފި އެވެ.

ގަރުނުގެ ޝަރީއަތުގެ ގޮތުގައި މީޑިޔާ ތަކުން ސިފަކުރާ މި މައްސަލައިގެ އަޑު އެހުންތައް އިއްޔެ ލަންޑަނުގެ އިންޓަރނޭޝަނަލް ޑިސްޕިއުޓް ރިޒޮލިއުޝަން ސެންޓަރުގައި ފަށާފައިވާއިރު, މި މައްސަލަ ބަލަނީ ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ މިނިވަން ކޮމިޝަނަކުންނެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުގައި މި ކޮމިޝަނުން ސިޓީ އާއި ދެކޮޅަށް ބަލަމުންދާ 115 މައްސަލައިގެ ހެކިތައް ދިރާސާ ކުރުމަށްފަހު އަންނަ އަހަރުގެ ކުރީކޮޅު މައްސަލައިގައި ނިންމާ ގޮތެއް ހާމަ ކުރާނެކަމަށް ގަބޫލުކުރެވެ އެވެ. މި މައްސަލައިގެ އަޑުއެހުންތައް 10 ހަފްތާއަށް ދިގުދެމިގެންދާނެ އެވެ.

ޕްރިމިއާ ލީގުން ބުނެފައިވަނީ 2009 އިން 2018 އާއި ދެމެދު މެންޗެސްޓަރ ސިޓީން ވަނީ ޕްރިމިއާ ލީގުގެ ފައިނޭންޝަލް ފެއާ ޕްލޭ އާއި ހިލާފު ވެފައި ކަމަށާއި އަދި އެކަމަށް ބާރުދޭ 115 މައްސަލައެއް ބަލަމުންދާއިރު އޭގެ ތެރޭގައި ސިޓީން މާލީ ރަގަޅު މައުލޫމާތު ދީފައިނުވާކަމަށް ބުނާ މައްސަލަތަކެއްވެސް ހިމެނެއެވެ.


މި މައްސަލަ ސިޓީ އާއި ދެކޮޅަށް ނިމިއްޖެނަމަ, އެ ކްލަބުގެ ޕޮއިންޓްތައް ކެނޑުމުގެ އިތުރުން ރެލިގޭޝަނުގެ ބިރުވެސް ވަނީ ކުރިމަތިވެފައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ސިޓީން ވަނީ ޕްރިމިއާ ލީގު އަށް ފަހަރު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގު އެއް ފަހަރު ހޯދާ އެފްއޭ ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ޔޫއެފާ ސުޕަ ކަޕާޢި ފީފާ ކްލަބް ވޯލްޑް ކަޕްގެ އިތުރުން ލީގް ކަޕް ވަނީ ހަ ފަހަރު ހޯދާފަ އެވެ. އަދި މިކަން މިގޮތަށް ވެއްޖެނަމަ މިއީ އިނގިރޭސި ފުޓްބޯޅައިގެ ތާރީޚުގައި ކްލަބެއްގެ އެންމެ ކާމިޔާބު ދުވަސްވަރު މިފަދަ ކަމަކާއި ކުރިމަތިލާން ޖެހޭނެ ފުރަތަމަ ފަހަރެވެ.

ސިޓީގެ މައްސަލަތަކެއް ބަލަމުންދާއިރު އެ ކްލަބުން ވަނީ ކްލަބްތަކަށް ސްޕޮންސަރޝިޕް ހޯދުމުގައި ހަމަހަމަ އުސޫލުތަކެއް ޕްރިމިއާ ލީގުން ނުގެންގުޅޭ ކަމަށްބުނެ ޕްރިމިއާ ލީގާއި ދެކޮޅަށް މައްސަލައެއް ހުށައަޅާފައެވެ.