ޚަބަރު

ރޮނާލްޑޯ ނެތި އަލް ނަސްރު ކުޅުނު މެޗު އެއްވަރު


އޭއެފްސީ ޗެމްޕިއަންސް ލީގުގައި އިރާގުގެ އަލް ޝޯޓާ އާއި ދެކޮޅަށް އަލް ނަސްރު ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

އިއްޔެ ބައުދާދުގައި ކުޅުނު މި މެޗުގައި ރޮނާލްޑޯ ޓީމާއިއެކު ދަތުރުކޮށްފައިނުވަނީ ވައިރަލް އިންފެކްޝަނެއްގެ ސަބަބުން ކަމަށް އަލް ނަސްރުން ވަނީ ބުނެފަ އެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ވެސްޓް ގްރޫޕްގައި އަލް ނަސްރު ކުޅުނު މި މެޗުގެ 14 ވަނަ މިނިޓުގައި އެ ޓީމުގެ ސުލްތާން އަލް ޣަންއާމް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ ނުވަ މިނިޓު ފަހުން އަލް ޝޯޓާ ގެ މުހައްމަދު ދާވޫދު ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އޭޝިއާގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް މި އަހަރު ފެށިއިރު, ލީގުގެ ފޯމެޓަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ފުރަތަމަ ބުރުގައި މީގެ ކުރިން 40 ކްލަބް ވާދަކުރާއިރު, މިހާރު އެ އަދަދު ވަނީ 24 ޓީމަށް ބަދަލުކޮށް ލީގު އުސޫލުން ކުޅޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

އެގޮތުން ފުރަތަމަ ބުރުގައި ވާދަކުރާ 24 ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު, އޭގެ ތެރެއިން ކޮންމެ ޓީމެއްވެސް ކޮންމެ ޓީމާއި ދެކޮޅަށް ހޯމްއެންޑް އަވޭ އުސޫލުން ކުޅުމަށްފަހު ކޮންމެ ގްރޫޕަކުންވެސް އެންމެ ގަދަ އަށް ޓީމަށް މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ލިބޭނެ އެވެ. އަދި މި މުބާރާތުގެ ނޮކްއައުޓް މެޗުތައް އަންނަ އަހަރުގެ އެޕްރިލް އަދި މެއި މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސައުދި އަރަބިއްޔާގަ އެވެ.