އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގެ ލޮސް އެންޖެލެސް އެފްސީގެގެ ލެޖެންޑެއްގެ ގޮތުގައި ސިފަކޮށްފައިވާ ކާލޯސް ވޭލާ އެނބުރި އެ ޓީމާ ގުޅިއްޖެއެވެ.
ވޭލާ، 35، އާއެކު އެލްއޭ އެފްސީ އިން ވަނީ 2024 ވަނަ އަހަރުގެ ސީޒަނުގެ ބާކީ އޮތް ބަޔާއި، އިތުރު އެއްއަހަރަށް ކޮންޓްރެކްޓް އައު ކުރުމުގެ އިހްތިޔާރު ލިބިގެންވާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
"ލޮސް އެންޖެލެސް އާއި އެލްއޭއެފްސީގެ ފޭނުންނަކީ އަހަރެންނާއި އަހަރެންގެ އާއިލާއަށް ވަރަށް މުހިންމު ބައެއް،" އެ ކްލަބަށް ބަދަލުވުމަށްފަހު ވޭލާ ނެރުނު ބަޔާނުގައިވެއެވެ.
މީގެކުރީން، އިންގްލެންޑްގެ އާސެނަލް އާއި ސްޕެއިނުގެ ރެއާލް ސޮސިއެޑާޑަށް ކުޅެފައިވާ ވޭލާ އެންމެ ފަހުން އެލްއޭ އެފްސީ އާއެކު ހަދާފައިވާ އެއްބަސްވުން މިދިޔަ ޑިސެންބަރު މަހުގައި ހަމަވުމުން މިހާތަނަށް ހުރީ އެހެން ކްލަބަކަށް ބަދަލުނުވެއެވެ.
ވޭލާ ބުނީ، އެލްއޭ އެފްސީ އަކީ އޭނާ އަށް ވަރަށް ހާއްސަ ކްލަބެއް ކަމަށާއި، އެ ކްލަބަށް މިހާތަނަށް ކޮށްދީފައިވާ މަސައްކަތާމެދު ފަޚުރުވެރިވާ ކަމަށެވެ. އެނބުރި އެ ޓީމަށް އާދެވެމުން ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށާއި، އިތުރު ކާމިޔާބީތައް ހާސިލްކޮށްދޭން އެހީތެރިވެދޭނެ ކަމަށް ވެސް ވޭލާ ބުންޏެވެ.
އެލްއޭ އެފްސީ އާއެކު 2022 ވަނަ އަހަރުގެ އެމްއެލްއެސް ކަޕް ކާމިޔާބުކުރިއިރު، އޭގެ އެއްއަހަރު ފަހުން 2023 ގައި ފައިނަލަށް ދަތުރުކޮށް ކޮލަމްބަސް ކްރޫ އަތުން ބަލިވި ޓީމުގައި ވެސް ވޭލާ ވަނީ ހިމެނިފައެވެ.
މެކްސިކޯގެ ގައުމީ ޓީމަށް މިހާތަނަށް 72 މެޗު ކުޅެ، 19 ލަނޑުޖަހައިދީފައިވާ ވޭލާ ވަނީ 2019 ވަނަ އަހަރުގެ އެމްއެލްއެސްގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ އެމްވީޕީ އެވޯޑް ހާސިލްކޮށްފައެވެ. އެފަހަރުގެ ސީޒަނުގެ ލީގުގައި އޭނާ ވަނީ 34 ލަނޑުޖަހައި، ރެކޯޑެއް ގާއިމްކޮށްފައެވެ. މިއީ މިހާތަނަށްއައިއިރު ވެސް މުގުރާލެވިފައިނުވާ ރެކޯޑެކެވެ.
ވޭލާ ވަނީ ނިމިދިޔަ ސީޒަނުގައި އެލްއޭ އެފްސީ އަށް ކުޅެދިން 34 މެޗުގައި ނުވަ ލަނޑުޖަހައި، އިތުރު 12 ގޯލްޖެހުމަށް އެހީތެރިވެދީފައެވެ. މީގެތެރެއިން، ފުރަތަމަ އެގާރައިގައި އޭނާ ކުޅުނީ 23 މެޗެވެ. އަދި މިއާއެކު، އެ ޓީމުގައި ހޭދަކުރި ހަ އަހަރުގެ ތެރޭގައި ކުޅެދިން 152 މެޗުގައި ޖެހި ލަނޑުގެ އަދަދު ވަނީ 78 އަށް އަރާފައެވެ.
މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އެލްއޭ އެފްސީ އޮތީ އެމްއެލްއެސްގެ ވެސްޓަން ކޮންފަރެންސްގެ ދެވަނަ މަގާމުގައެވެ. އެއީ މިވަގުތު އެއްވަނައިގައި އޮތް ވާދަވެރި، ލޮސް އެންޖެލަސް ގެލެކްސީ އަށް ވުރެ ދެ މެޗު މަދުން ކުޅެގެން ހަތް ޕޮއިންޓް މަދުން ލިބިގެންނެވެ. ލީގުގައި ބާކީ އޮތީ ހަތް މެޗެވެ.