ކުޅިވަރު

ކާވާ ވިމެންސް ވޮލީބޯލް ކުލަބު ޗެމްޕިއަންޝިޕް: ޕޮލިސް ކުލަބު ބަލިކޮށް ވެމްކޯއަށް ދެވަނަ މޮޅު


މާލޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކުލަބު ޗެމްޕިއަންޝިޕް 2024 ގައި ރާއްޖޭގެ ޕޮލިސް ކުލަބު ބަލިކޮށް ކުލަބު ވެމްކޯއިން ދެވަނަ މޮޅު ހޯދައިފިއެވެ.

މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ފަސް ގައުމަކުން ހަ ކުލަބު ވާދަކުރެއެވެ. އެއީ ރާއްޖޭގެ ވެމްކޯ އާއި ޕޮލިސް ކުލަބުގެ އިތުރުން ނޭޕާލުގެ ޕޮލިސް ކުލަބާއި، ސްރީ ލަންކާގެ އެއަރ ފޯސް އާއި، އުޒްބެކިސްތާންގެ ހުމޯ ވޮލީބޯލް ކުލަބު އަދި ތަޖިކިސްތާންގެ ވޮލީބޯލް ކުލަބު ޑިއަމެޑް އެވެ.

މުބާރާތުގައި މިރޭ ކުޅުނު މެޗުން ވެމްކޯ މޮޅުވީ ޕޮލިސް ކުލަބު އަތުން ފަސޭހަކަމާއެކު ސިދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-15، 25-18 އަދި 25-20 އިންނެވެ. މި މެޗުން ވެމްކޯ މޮޅުވިއިރު، މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ފަހަތުން އަރައި 3-1 ސެޓުން ލަންކާގެ އެއަރ ފޯސް ބަލިކޮށްފައެވެ.

މި މުބާރާތް ރޭވިފައިވާ ގޮތުން ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާއިރު، އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތައް ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގެ މެދުގައި ލޯ މެޑެލް މެޗު ކުޅޭއިރު، ފަސްވަނަ އާއި ހަވަނައިގެ މެދުގައި ރޭންކިން މެޗެއް ކުޅޭނެއެވެ.