ކުޅިވަރު

ފްރާންސްގެ މިޑްފީލްޑަރު ރަބިއޯ މާސޭއަށް ބަދަލުވާން އެއްބަސްވެއްޖެ


ޔުވެންޓަސްއަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ، އޮލިމްޕިކް މާސޭއަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ރަބިއޯ ޔުވެންޓަސް ދޫކޮށްލުމަށް ނިންމީ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން މިދިޔަ ސީޒަނަށްފަހު ހަމަވުމުންނެވެ. މިއާއެކު، މިހާތަނަށް އޭނާ ހުރީ ފްރީ އޭޖެންޓެއްގެ ގޮތުގައެވެ.

"ފްރާންސްގެ ބައިނަލްއަގުވާމީ މިޑްފީލްޑަރު، އެޑްރިއެން ރަބިއޯ އާއެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށް އޮލިމްޕިކް މާސޭ އިން ހާމަކުރަން." މާސޭ އިން ނެރުނު ބަޔާނުގައިވެއެވެ.

މެޑިކަލް ޓެސްޓުތަކަށްފަހު ވަރަށް އަވަހަށް މާސޭއާ ގުޅޭނެ ކަމަށް ވެސް އެ ކްލަބުން ވަނީ ބުނެފައެވެ.

2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަނަރަޕް މަގާމު ހޯދި ފްރާންސް ޓީމުގައި ހިމެނުނު ރަބިއޯ ވަނީ ކުރީން، ފްރާންސްގެ ޕީއެސްޖީ އަށް ވެސް ކުޅެފައެވެ. އޭނާ ޔުވެންޓަސް އަށް ބަދަލުވީ 2019 ގައެވެ. ޕީއެސްޖީ އާއި ޔުވެންޓަސް ކުރެން ކޮންމެ ޓީމަކަށް ވެސް 200 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ ރަބިއޯ ވަނީ މިހާތަނަށްއައިއިރު ފްރާންސްގެ ގައުމީ ޓީމަށް 48 މެޗު ހަމަކޮށްފައެވެ.