މާލޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކުލަބު ޗެމްޕިއަންޝިޕް 2024 ގައި ސްރީ ލަންކާގެ އެއަރ ފޯސް ބަލިކޮށް ނޭޕާލުގެ ޕޮލިސް ކުލަބުން ދެވަނަ މޮޅު ހޯދިއިރު، ތަޖިކިސްތާންގެ ވޮލީބޯލް ކުލަބު ޑިއަމެޑް އަތުން އުޒްބެކިސްތާނުގެ ހުމޯ ވޮލީބޯލް ކުލަބު މޮޅުވެއްޖެއެވެ.
މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ފަސް ގައުމަކުން ހަ ކުލަބު ވާދަކުރެއެވެ. އެއީ ރާއްޖޭގެ ކުލަބު ވެމްކޯ އާއި ޕޮލިސް ކުލަބުގެ އިތުރުން ނޭޕާލުގެ ޕޮލިސް ކުލަބާއި، ސްރީ ލަންކާގެ އެއަރ ފޯސް އާއި، އުޒްބެކިސްތާންގެ ހުމޯ ވޮލީބޯލް ކުލަބު އަދި ތަޖިކިސްތާންގެ ވޮލީބޯލް ކުލަބު ޑިއަމެޑް އެވެ.
މުބާރާތުގައި މިއަދު މެންދުރުފަހު ކުޅުނު މެޗުން ނޭޕާލުގެ ޕޮލިސް ކުލަބު މޮޅުވީ ސްރީ ލަންކާގެ އެއަރ ފޯސް އަތުން ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ނޭޕާލުގެ ޕޮލިސް ކުލަބުން ގެންދިޔައީ 25-16، 25-20 އަދި 25-21 އިންނެވެ. މި މެޗުން ނޭޕާލުގެ ޕޮލިސް ކުލަބު މޮޅުވިއިރު، މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ނޭޕާލުގެ ޕޮލިސް ކުލަބު ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން އުޒްބެކިސްތާނުގެ ހުމޯ ބަލިކޮށްފައެވެ.
މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން އުޒްބެކިސްތާނުގެ ހުމޯ ވަނީ ސީދާ ތިން ސެޓުން ތަޖިކިސްތާންގެ ޑިއަމެޑް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އުޒްބެކިސްތާނުގެ ހުމޯ ކުލަބުން ގެންދިޔައީ 25-11، 25-20 އަދި 25-12 އިންނެވެ. މިއީ މި މުބާރާތުގައި އުޒްބެކިސްތާނުގެ ހުމޯ ކުލަބުން ހޯދި ފުރަތަމަ މޮޅެވެ.
މި މުބާރާތް ރޭވިފައިވާ ގޮތުން ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާއިރު، އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތައް ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގެ މެދުގައި ލޯ މެޑެލް މެޗު ކުޅޭއިރު، ފަސްވަނަ އާއި ހަވަނައިގެ މެދުގައި ރޭންކިން މެޗެއް ކުޅޭނެއެވެ.