ޚަބަރު

ހަޅުތާލު ކުރަން ރޭވުމުން ސެމްސަންގގެ 104 މުވައްޒަފުން އިންޑިޔާއިން ހައްޔަރުކޮށްފި


އިންޑިޔާގެ ދެކުނުގެ ސްޓޭޓެއްގައި ހުންނަ ސެމްސަންގ އިލެކްޓްރޯނިކްސް ކުންފުނީގެ ކާރުޚާނާއެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުންތަކެއް މުޒާހަރާ ކުރަން ފަށައި, އެ ކުންފުންޏާ ދެކޮޅަށް ހަޅުތާލު ކުރަން ރޭވުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ސެމްސަންގ އިލެކްޓްރޯނިކްސަކީ މޮބައިލް ފޯނާއި ޓެކްނޮލޮޖީގެ އާލާތްތައް އުފައްދާ ދެކުނު ކޮރެޔާގެ މަޝްހޫރު ކުންފުންޏެކެވެ. ހަޅުތާލު ކުރަން ރޭވުމާ ގުޅިގެން އިންޑިޔާގެ ތަމިލް ނާޑޫ ސްޓޭޓްގެ ޗެންނައީގައި ހުންނަ އެ ކުންފުނީގެ ކާރުޚާނާއެއްގައި ވަޒީފާ އަދާ ކުރާ 104 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޗެންނައީގެ ފުލުހުން ބުނީ, އެ ކާރުޚާނާގައި ވަޒީފާ އަދާ ކުރާ ގިނަ ޢަދަދެއްގެ ބަޔަކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން މުޒާހަރާ ކުރަން ފަށާފައިވާ ކަމުގައެވެ. އަދި, މަސައްކަތް ހުއްޓައިލުމަށް ފަހު ހަޅުތާލުކޮށް, ހިނގައިލުމެއް ބޭއްވުމަށް އިންތިޒާމު ކުރަމުން ދިޔަ މީހުުން ހައްޔަރު ކޮށްފައި ވަނީ, ކަމާ ގުޅޭ އިދާރާތަކުން ހުއްދަ ނުހޯދައި އެ ފަދަ ހަރަކާތްތަކެއް ހިންގަން ތައްޔާރުވުމުން ކަމުގައެވެ. އަދި, އެ މީހުން ހިނގައިލުން ބާއްވަން މަސައްކަތް ކޮށްފައި ވަނީ މަދަރުސާތަކާއި, ކޮލެޖުތަކާއި ހަސްފަތާލުތައް ހުރި ސަރަޙައްދެއްގައި ކަމުގައި ވެސް ފުލުހުން ބުންޏެވެ.

ޗެންނައީގައި ހުންނަ ސެމްސަންގ ކުންފުނީގެ ކާރުޚާނާގައި ވަޒީފާ އަދާ ކުރާ ގިނަ ޢަދަދެއްގެ މުވައްޒަފުން ހަޅުތާލު ކުރަން ރާވާފައި ވަނީ އެ މީހުންނަށް ލިބޭ އުޖޫރުއަކާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުންނެވެ. މުސާރަ ބޮޑުކޮށްދިނުމަށް ގޮވައިލައި އެ ތަނުގައި ވަޒީފާ އަދާ ކުރާ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ހަފުތާއެއްހާ ދުވަހަށް ހަޅުތާލު ކުރަން ރާވާފައެވެ. އިންޑިޔާގައި ހުންނަ ކާރުޚާނާތަކުން ސެމްސަންގ ކުންފުންޏަށް އަހަަރެއްގެ މައްޗަށް ލިބޭ 12 ބިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީގެ ތިންބައިކުޅަ އެއްބައި ހިއްސާ ކުރަނީ ޗެންނައީގައި ހުންނަ ކާރުޚާނާއިންނެވެ.

ސެމްސަންގ ކުންފުނީގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ހަޅުތާލު ކުރަން ރޭވުމާ އެކު, ކުރިއަށް އޮތް ހަ އަހަރުގެ ތެރޭގައި އިންޑިޔާގެ ޓެކްނޮލޮޖީ ދާއިރާގެ އުފެއްދުންތެރިކަން 500 ބިލިޔަން ޑޮލަރަށް އިތުރު ކުރައްވަން ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެންގުޅުއްވާ ރޭވުންތަކަށް ހިޔަނި އެޅިގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އިންވެސްޓްމެންޓުތައް އިތުރު ކުރަން މޯދީގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އިންޑިޔާގެ އާބާދީ 1.4 ބިލިޔަނަށް އަރާއިރު, ކުޑަ އުޖޫރައެއް ދީގެން އެ ޤައުމުގެ މަސައްކަތްތެރިން ހޯދުމަށް ފަސޭހަވުމަކީ, ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކުން ފައިދާ ނަގަމުންދާ ކަމެކެވެ.

ސެމްސަންގ ކުންފުނީގެ މުވައްޒަފުން ހަޅުތާލުކޮށް ހިނގައިލުން ބާއްވަން ރާވާފައި ވަނީ ޗެންނައީގެ ކާންޗީޕޫރަމް ޑިސްޓްރިކްޓުގައެވެ. އެ ސަރަޙައްދުގެ ފުލުހުންގެ ވެރިޔާ ކޭ ޝަންމުގަމް ވިދާޅުވީ "އެ ސަރަޙައްދުގައި ހިނގައިލުން ބޭއްވި ނަމަ, މުޅި ސަރަޙައްދަށް ހުއްޓުންއަރައި ޢާންމު ސުލްޙައަށް ހުރަސް އެޅޭނެ" ކަމުގައެވެ. ހައްޔަރު ކޮށްފައިވާ މީހުން މި ވަގުތު ބައިތިއްބާފައި ތިބީ, އެ ސަރަޙައްދުތަކުގައި ހުންނަ ހަފުލާތައް ބާއްވާ ހޯލުތަކެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗެންނައީގައި ހުންނަ ސެމްސަންގ ކުންފުނީގެ ގިނަ ޢަދަދެއްގެ މުވައްޒަފުން, ކާރުޚާނާގެ ކައިރީގައި މިހާރު ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. ވަޒީފާ އަދާ ކުރާ މީހުންގެ ޔޫނިއަނެއް ކަމުގައިވާ ސެންޓަރ އޮފް އިންޑިޔަން ޓްރޭޑް ޔޫނިއަންސް (ސީއައިޓީޔޫ)ން ދަނީ އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް, އެއްވެސް ޔޫނިއަކާ މުޢާމަލާތް ކުރަން ސެމްސަންގ ކުންފުނިން ދަނީ އިންކާރު ކުރަމުންނެވެ. ހަޅުތާލު ކުރުން ހުއްޓުވުމަށް އިންޑިޔާގެ ސަރުކާރާއި މުވައްޒަފުންނާ އެކު ސެމްސަންގ ކުންފުނިން މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް, އެ ކަމުގައި ކުރިއެރުމެއް ލިބިފައެއް ނެތެވެ.

އިންޑިޔާގައި ހުންނަ ސެމްސަންގ ކުންފުނީގެ ކާރުޚާނާއެއްގެ މުވައްޒަފުން މުޒާހަރާ ފަށައި, ހަޅުތާލު ކުރަން ރާވާފައި މި ވަނީ, ބޭރު ޤައުމުތަކުގައި ހުންނަ ކާރުޚާނާތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންގެ ޢަދަދު މަދު ކުރަން ސެމްސަންގުން ރާވާފައިވާ ދަނޑިވަޅެއްގައެވެ. ބޭރު ޤައުމުތަކުގެ ކާރުޚާނާތަކުގައި ވަޒީފާ އަދާ ކުރާ މީހުންގެ ޢަދަދު 30 އިންސައްތައިން މަދު ކުރަން ސެމްސަންގ ކުންފުނިން ރާވާފައިވާއިރު, އިންޑިޔާގައި ހުންނަ ކާރުޚާނާތަކުގައި ވަޒީފާ އަދާ ކުރާ ގިނަ ޢަދަދެއްގެ ބަޔެއްގެ ވަޒީފާ ވެސް ގެއްލޭނެއެވެ.

ޗެންނައީގައި ހުންނަ ސެމްސަންގ ކުންފުނީގެ ކާރުޚާނާގައި ވަޒީފާ އަދާ ކުރާ މީހުންގެ ޢަދަދު 1,800އަށް އަރާއިރު, އޭގެ ތެރެއިން 1,000އެއްހާ މީހުން ދަނީ މުޒާހަރާގައި ބައިވެރިވަމުންނެވެ. އެ ކާރުޚާނާއަކީ އައިސްއަލަމާރިއާއި, ޓީވީ އަދި ދޮންނަމެޝިން ފަދަ އިލެކްޓްރޯނިކް އާލާތްތައް އުފައްދާ
ކާރުޚާނާއެކެވެ. އިންޑިޔާގެ އުތުރުގައި އޮންނަ އުތާރް ޕްރަދޭޝް ސްޓޭޓުގައި ވެސް ސެމްސަންގ ކުންފުނީގެ މޮބައިލް ފޯނު އުފައްދާ ކާރުޚާނާއެއް ހުރެއެވެ. ނަމަވެސް, އެ ތަނުގެ މުވައްޒަފުން މުޒާހަރާއާއި ހަޅުތާލުގައި ބައިވެރިވެފައެއް ނުވެއެވެ.