ޚަބަރު

ބީއެމްއެލްގެ އިސް މަގާމުތަކަށް ދިވެހިން އައްޔަންކުރަންޖެހޭ: ނާޒިމް


  • ބޭންކުގެ އިސް މަގާމުތަކުގައި ހިމެނިވަޑައިގަންވާ 3 ބޭފުޅުން ރާއްޖޭގައި ނެތް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އިސް މަގާމުތަކަށް ދިވެހިން ހޯދަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ކުންފުނީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ބީއެމްއެލްގެ ކާޑުތަކުން ޑޮލަރުން މުއާމަލާތް ނުކުރެވޭގޮތަށް ނިންމިއިރު، އެ ބޭންކުގެ އިސް މަގާމުތަކުގައި ތިއްބެވި ތިން ބޭފުޅަކު ރާއްޖޭގައި ނެތްކަމަށެވެ. އެ ނިންމުން ނިންމިއިރު، އެ ބޭންކުގެ އޮޕަރޭޝަންސް ޑިރެކްޓަރާއި، ކްރެޑިޓް ކޮންޓްރޯލް މެނޭޖަރު އަދި ރިސްކް މެނޭޖަރުވެސް ރާއްޖޭގައި ނެތް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ތިން ބޭފުޅުންވެސް އުޅުއްވަނީ ރާއްޖޭން ބޭރުގައިކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، އެއީ މުސާރަ ބޮޑު މަޤާމުތަކެއްކަމަށާއި، އެ މަގާމުތަކަށް ދިވެހިން ހޯދުން މުހިންމު ކަމަށެވެ.

"15،000 ޑޮލަރުގެ މުސާރައަކީ ކުޑަ މުސާރައެއް ނޫން. އަޅުގަނޑުމެން މި މަގާމުތަކަށް ދިވެހިން ލެވޭތޯ އެބަޖެހޭ ބަލަން. އަޅުގަނޑުމެންގެ ބޭންކް އަޅުގަނޑުމެންގެ އެއްވެސް ކޮންޓްރޯލެއް ނެތި މިގޮތަށް ހިނގަމުންދަންޏާ އަޅުގަނޑު ދަންނަވާނީ އެ ދުވަހު ހިނގި ކަންތަކަށްވުރެ ސީރިއަސް ކަންތައްތައް ކުރިއަށް އޮތްތަނުގައި ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް،" އަހްމަދު ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތައް ހަރުދަނާ ގޮތެއްގައި ހިންގޭނެގޮތަކާމެދު ވިސްނަން ޖެހޭ ކަމަށެވެ. އަދި ޕީސީބީންނާއި ދައުލަތުގެ ހިއްސާތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ފައިނޭންސް މިނިސްޓްރީންވެސް ކުންފުނިތަކުގެ ކަންކަން ދުވަހުން ދުވަހަށް ހިނގާގޮތް ވަރަށް ރަނގަޅަށް ބަލަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބީއެމްއެލުން ދިވެހި ފައިސާ ކާޑުތަކުން ބޭރުގެ އެއްވެސް މުޢަމަލާތެއް ނުކުރެވޭނެގޮތަށް ނިންމީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ. މިއީ ސަރުކާރުން ދީފައިވާ ލަފާއާ ދެކޮޅަށް ނިންމި ނިންމުމެއްކަން ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެމްއެމްއޭއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު އެ ދުވަހު ބީއެމްއެލުން ވަނީ އެ ނިންމުމަށް އަމަލުނުކުރަން ނިންމާފައެވެ.

ބީއެމްއެލްގެ މި ނިންމުމާއެކު އެ ދުވަހު ކަންތައްތައް ހިނގައިދިޔަ ގޮތުން ޤާނޫނީ ސަރުކާރެއް ޣައިރު ޤާނޫނީކޮށް ބަދަލުކުރުމަށް ކުރެވިގެންދިޔަ ކަމެއްގެ ގޮތުގައި ބެލުމުގެ ޖާގަ އޮތްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.