ކުޅިވަރު

ޑޮންނަރުއްމާއަށް އަނިޔާވެ، ޕީއެސްޖީ އާއި ޖިރޯނާ ބައްދަލުކުރާ މެޗުގައި ނުކުޅެވޭނެ


އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާއަށް އަނިޔާވެ، މި ފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީން ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ނުކުޅެވޭނެކަމަށް އެ ކުލަބުން ބުނެފިއެވެ.

އުމުރުން 25 އަހަރުގެ ޑޮންނަރުއްމާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ ފްރެންޗް ލީގުގައި މިދިޔަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ބްރެސްޓާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައެވެ. އެ މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ޕީއެސްޖީން ވަނީ ލީގުގައި ވިދިވިދިގެން ހަތަރު މެޗުން މޮޅުވެ، ސައްތައިން ސައްތައިގެ ރެކޯޑް ދަމަހައްޓައިފައެވެ.

މީގެ ތިން އަހަރު ކުރީން، 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހިލޭ ޓްރާންސްފާއެއްގައި އިޓަލީގެ އޭސީ މިލާނުން ޕީއެސްޖީއަށް ބަދަލުވެ، ޑޮންނަރުއްމާ ވަނީ އެ ޓީމަށް 118 މެޗު ކުޅެދީ، އޭގެތެރެއިން 40 މެޗުގައި ލަނޑެއް ވަނަނުދީ ހިފަހައްޓައިފައެވެ.

އިޓަލީ އާއެކު 2021 ވަނަ އަހަރު ބޭއްވުނު ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޑޮންނަރުއްމާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 68 މެޗު ކުޅެފައެވެ.

ޕީއެސްޖީން ބުނީ، ޑޮންނަރުއްމާއަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް އެއް ހަފްތާގެ މުއްދަތަށް އަރާމުކުރަން ޖެހޭނެ ކަމަށެވެ. އެއާއެކު، މި މުއްދަތުގެ ތެރޭގައި އެ ޓީމުގެ ގޯލު ބަލަހައްޓާނީ ރަޝިއާގެ ގޯލްކީޕަރު، މަޓްވޭ ސަފޮނޯފްއެވެ.

މިދިޔަ ޖޫން މަހު ޕީއެސްޖީއާ ގުޅުނު އުމުރުން 25 އަހަރުގެ ސަފޮނޯފް މިހާތަނަށް އެ ޓީމަށް މެޗެއް ކުޅެފައިނުވާއިރު، އޭނާގެ ފުރަތަމަ މެޗަކަށް ވާނީ ޗެމްޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޖިރޯނާއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗެވެ.