އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު އުތުރު ލަންޑަން ޑާބީގައި ބްރެޒިލްގެ ޑިފެންޑަރު ގެބްރިއެލް ކާމިޔާބުކުރި ލަނޑާއެކު، ޓޮޓްނަމް ހޮޓްސްޕާ އަތުން 0-1 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެއްޖެއެވެ.
މިއީ ޓޮޓެންހަމްގެ މިހާރުގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން އާސެނަލް މޮޅުވި ތިންވަނަ ފަހަރެވެ. އަނެއްކޮޅުން، މިއީ މި ފަހަރުގެ ސީޒަނުގައި ޓޮޓެންހަމް ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ތިންވަނަ މެޗެވެ. އޭގެތެރެއިން، ދެ މެޗުން ބަލިވިއިރު، އަނެއް މެޗުން ވީ އެއްވަރެވެ. މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ލީގުގެ އެންމެ ފުލުގައި އޮތް އެވަޓަން އަތުންނެވެ.
މި ނަތީޖާއާއެކު އާސެނަލުން ވަނީ ތާވަލްގެ އެންމެ ކުރީގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީއާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފައެވެ. އެއްވަނައިގައި އުޅޭ ސިޓީ އަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލަށް ލިބިފައިވަނީ ހަތަރު މެޗުން 10 ޕޮއިންޓެވެ. ތިނެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އާސެނަލަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް ލިވަޕޫލަށް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.
އާސެނަލުން މި މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ސީނިއާ ޓީމުގެ ހަތް ކުޅުންތެރިއަކު ނުކުޅޭއިރު، އޭގެތެރޭގައި އެ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް ހިމެނެއެވެ. އަދި ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން މި މެޗަށް ސަސްޕެންޑްވެފައިވުމުން އިނގިރޭސި މިޑްފީލްޑަރު، ޑެކްލަން ރައިސް ވެސް ނުކުޅެއެވެ.
މި މެޗު ފެށިގެން ޓޮޓެންހަމުން ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައިވާއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 64 ވަނަ މިނެޓުގައި އާސެނަލަށް ކާމިޔާބުކޮށްދިނީ ގެބްރިއެލް އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ އިނގިރޭސި ވިންގް، ބުކާޔޯ ސަކާ ނަގައިދިން ކޯނަރެއްގެ އެހީގައި ލިބުނު ބޯޅައެއް ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ. މިއީ އާސެނަލަށް އޭނާ ޖަހައިދިން 15 ވަނަ ގޯލެވެ.
އޭގެކުރީން، މެޗު ފެށިތާ ކުރީކޮޅު ޓޮޓެންހަމްގެ ސްވިޑެން ވިންގް، ޑޭޔަން ކުލުސެވްސްކީ ފޮނުވާލި ނުރައްކާތެރި ދެ ބޯޅައެއް އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ ވަނީ ހުއްޓުވައިފައެވެ. ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ އިނގިރޭސި ފޯވާޑް، ޑޮމިނިކް ސޮލާންކޭ އަށް ލިބުނު ފުރުޞަތުގެވެސް ބޭނުމެއްނުހިފުނެވެ. މި ހާފުގައި އާސެނަލަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ކައި ހަވާޓްޒް ބޮލުން ފޮނުވާލި ބޯޅަ ޓޮޓެންހަމްގެ ކީޕަރު، ގުގްލިއެލްމޯ ވިކާރިއޯ މަތަކުރިއެވެ.
މެޗަށްފަހު ދެއްކި ވާހަކައިގައި އާސެނަލްގެ ކޯޗު، މިކޭލް އާޓޭޓާ ބުނީ، ޓޮޓެންހަމްއާ ދެކޮޅަށް ކުޅެން އޭނާގެ ޓީމަށް އުނދަގޫވި ކަމަށާއި، އެހެން އެކަން އެގޮތަށް ދިމާވީ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލައި ކުޅެން ޖެހުމުން ކަމަށެވެ.
ލީގުގައި އާސެނަލް ދެން ކުޅެން ޖެހޭ މެޗުގައި ރަށުން ބޭރުގައި ވާދަވެރި ސިޓީއާ ދެކޮޅަށް އަންނަ އާދީއްތަ ދުވަހު ނިކުންނައިރު، އޭގެކުރީން އަންނަ ބުރާސްފަތި ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި އެ ޓީމުން ރަށުން ބޭރުގައި ނިކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ.