ޚަބަރު

ރައީސްގެ އިސްލާހީ ބަދަލުތަކާއެކު ފެށިގެންދާނީ ޑިމޮކްރަސީގެ މުޅިން އައު ބާބެއް: ޕީއެންސީ


  • ރާއްޖޭގެ ޑިމޮކްރަސީ ދުރުރާސްތާގައި އިތުރަށް ހަރުދަނާވާނެ

  • ސުލްހަވެރިކަމާއެކު ވެރިކަން ކުރެއްވޭނެކަން ރައީސުލްޖުމްހޫރިއްޔާ ކޮންމެ ދުވަހަކު ސާބިތުކޮށްދެއްވާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނަވަން ފައްޓަވާފައިވާ އިސްލާހީ ބަދަލުތަކާއެކު ރާއްޖޭގެ ތާރީހުގައި ފެށިގެންދާނީ ޑިމޮކްރަސީގެ މުޅިން އައު ބާބެއްކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ބުނެފިއެވެ.

ޕީއެންސީން މިހެން ބުނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ، ޑިމޮކްރަސީ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ޕީއެންސީގެ ބަޔާނުގައި ރާއްޖޭގެ ޑިމޮކްރަސީ އާއި ދައުލަތުގެ ހިންގުން އިސްލާމީ ގިއުގަނޑުގެ ތެރޭގައި، ދިވެހި ދައުލަތަކީ ކުރިއަރާފައިވާ ދައުލަތަކަށް ހެދުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޕީއެންސީން ވަނީ ޝުކުރުއަދާކޮށްފައެވެ.

ޕީއެންސީގެ ބަޔާނުގައި ބުނީ ރާއްޖެއަށް ސިޔާސީ ނިޒާމު ތައާރަފުވިތާ 16 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ދުސްތޫރީގޮތުންނާއި އިދާރީގޮތުން ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އެފަދަ މުހިންމު އިސްލާހުތައް ގެންނެވުމުގެ މަސައްކަތް ފައްޓަވާފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާގޮތަށް ބަދަލުކުރެއްވުމާއި ބައި އިލެކްޝަންތައް އަހަރަކު ދެފަހަރު ބާއްވާގޮތަށް ބަދަލުކުރެއްވުން ހިމެނޭކަން ޕީއެންސީން ވަނީ ފާހަގަކޮށްފައެވެ. މި ކަންކަމަކީ ރާއްޖޭގެ ޑިމޮކްރަސީ ދުރުރާސްތާގައި އިތުރަށް ހަރުދަނާވެ، ދައުލަތުގެ ހިންގުން އިސްލާހުވާނެ ކަންކަން ކަމުގައި ގަބޫލުކުރާ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

ޕީއެންސީން ބުނީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދިވެހި ދައުލަތުގެ ސިފަތައް ވަރުގަދަކޮށް ހަރަދަނާކުރެއްވުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާ ކަމަށެވެ. އެގޮތުން، "މޯލްޑިވްސް ފަސްޓް" ސިޔާސަތު ތައާރަފުކުރައްވާފައިވާ ކަމަށާއި މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކޮށްދެއްވައި ޖުޑީޝަރީއަށް ސިޔާސީ ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނަވާފައިވާކަން އެ ޕާޓީން ފާހަގަކުރެއެވެ. އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރައްވައި ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދެއްވާފައިވާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ސިޔާސީ ނިޒާމުގައި ޒަމާނުއްސުރެ އޮތް ބަދަލުހިފުމާއި ޒާތީ ރުޅިވެރިކަމާއި ނަފުރަތާއި ހަސަދަވެރިކަން ނިމުމަކަށް ގެންނަވައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ދިވެހިންނަށް ރިވެތި ނަމޫނާ ދައްކަވަމުން ކަމަށްވެސް ޕީއެންސީން ބުނެއެވެ. އަދި މަޑުމައިތިރިކަމާއެކު އެމަނިކުފާނު ޤައުމީ މައްސަލަތަކާމެދު ތެދުބަހުން ވާހަކަދެއްކެވުމުގެ ފުރިހަމަ ނަމޫނާ ދައްކަވަމުން ގެންދަވަނީ އިސްލާމީ އަޚުލާގުގެ ތެރޭގައި ޑިމޮކްރެޓިކް މާހައުލެއް ބިނާކުރާނެ ގޮތް އަމަލުފުންނާއި ބަސްފުޅުން ދައްކަވަމުން ކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން އަނިޔާވެރިކަމާއި ޚުދުމުޚުތާރުކަން އިސްނުކުރައްވައި ވާދަވެރި މާހައުލެއް ދަމަހައްޓަވަމުން، ހަމަޖެހުމާއި ސުލްހަވެރިކަމާއެކު ވެރިކަން ކުރެއްވޭނެކަން ރައީސުލްޖުމްހޫރިއްޔާ ކޮންމެ ދުވަހަކު ސާބިތުކޮށްދެއްވަމުން ގެންދަވާކަމަށްވެސް ޕީއެންސީގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެމަނިކުފާނުގެ ގެންނަވަން ފައްޓަވާފައިވާ އިސްލާހީ ބަދަލުތަކާއެކު ރާއްޖޭގެ ތާރީހުގައި ފެށިގެންދާނީ ޑިމޮކްރަސީގެ މުޅިން އައު ބާބެއް ކަމަށްވެސް ޑިމޮކްރަސީ ދުވަހާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.