ޖަރުމަނުގެ ލީގުގައި ރޭ ކުޅުނު މެޗުގައި ފޯވާޑް ހެރީ ކޭން ހެދި ހެޓްރިކާއެކު، ހޮލްސްޓެން އަތުން ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.
މި މެޗުން މޮޅުވުމާއެކު ބަޔާން މިއުނިކް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ތިން މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ.
ބުންޑެސްލީގާ އަށް އަލަށް ޕްރޮމޯޓްވި ހޮލްސްޓެން އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނިޓްގައި ބަޔާން އިން ވަނީ އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖަމާލް މުސިއާލާ އެވެ.
ބަޔާން މިއުނިކްއިން މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅެފައިވާ މި މެޗުގެ 7 ވަނަ މިނިޓުގައި ކޭން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. އަދި އޭގެ ހަ މިނިޓް ފަހުން ހޮލްސްޓެން ގެ ރެމްބަރގް އަތުން ވަނީ ބައިކޮޅަށް ލަނޑެއްވަދެ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުވެފަ އެވެ.
މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ކޭން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
މި މެޗުގައި ބަޔާން މިއުނިކް އިން ޖެހި ފަސް ވަނަ ލަނޑު މެޗުގެ 65 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބުކޮށްދީފައިވަނި ކްރިސްޓަލް ޕެލަސް އިން އެ ޓީމާއި އަލަށް ގުޅުނު މައިކަލް އޮލިސޭ އެވެ. މިއީ އޭނާ ބަޔާން މިއުނިކަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
އަދި މެޗުގެ އިތުރު ވަގުތުގައި ހެރީ ކޭން ވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އިތުރު ލަނޑެއް ކާމިޔާބުކޮށް ހެޓްރިކް ހަދާފަ އެވެ. މިއީ ބަޔާން މިއުނިކަށް ކޭން ހަދައިދިން ފަސްވަނަ ހެޓްރިކެވެ.
މި މެޗުގައި ހޮލްސްޓެން އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 82 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ގިގޮވިޗް އެވެ.