ޚަބަރު

މެސީގެ ދެ ލަނޑާއެކު އިންޓަރ މަޔާމީ މޮޅުވެއްޖެ


ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ލިއޮނެލް މެސީއަށް ލިބުނު އަނިޔާއިން ރަނގަޅުވެ އަލުން ކުޅުމުގެ ތެރެއަށް އައިސް ކުޅުނު ފުރަތަމަ މެޗުގައި ޖެހި ދެ ލަނޑާއެކު، 3-1 ގެ ނަތީޖާއަކުން ފިލަޑެލްފިއާ ޔޫނިއަން އަތުން އިންޓަރ މަޔާމީ މޮޅުވެއްޖެއެވެ.

ފްލޮރިޑާގެ ޗޭސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ދެވަނަ މިނިޓުގައި ފިލަޑެލްފިއާ އިން ލަނޑެއް ޖަހާ ވަނީ ކުރި ހޯދާފައެވެ. ނަމަވެސް އޭގެ 24 މިނިޓު ފަހުން ލުއިސް ސުއަރޭޒް ދިން ބޯޅަ އަކުން ލިއޮނެލް މެސީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި އިންޓަރ މަޔާމީއަށް ފުރަތަމަ ފަހަރަށް ލީޑު ލިބިފައިވަނީ މެޗުގެ 30 ވަނަ މިނިޓުގައި ޖޯޑީ އަލްބާގެ އެސިސްޓަކުން ލިއޮނެލް މެސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އިންޓަރ މަޔާމީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލުއިސް ސުއަރޭޒް އެވެ.

މި މެޗުން މޮޅުވުމާއެކު އިންޓަރ މަޔާމީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 28 މެޗުން 62 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމު ލިބިފައެވެ. ދެވަނައިގައި އޮތް ސިންސިނާޓީ އަށް 28 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ.