ޚަބަރު

ޗައިނާއިން ޕާކިސްތާނަށް އަސްކަރީ ދާއިރާއިން އެހީވުން އެމެރިކާއަށް ހަޖަމެއް ނުވި


ޕާކިސްތާނުން ހިންގާ ބެލިސްޓިކް މިސައިލް ޕުރޮގުރާމަށް ޗައިނާގެ އިދާރާތަކާއި ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދިނުން ހަޖަމު ނުވެ, އެމެރިކާއިން ޗައިނާގެ އިދާރާތަކާއި ކުންފުނިތަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ. މިއީ, މި ކަމާ ގުޅުވައި އެމެރިކާއިން ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވެސް އެމެރިކާއިން ޗައިނާގެ ތިން ކުންފުންޏަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ. އެއީ, ޕާކިސްތާނުން ބެލިސްޓިކް މިސައިލް އުފައްދަން ބޭނުން ކުރާ އާލާތްތައް އެ ޤައުމަށް ފޯރުކޮށްދިނުމުގެ ތުހުމަތުގައެވެ.

މި ފަހަރު އެެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅާފައިވާ އިދާރާތަކުގެ ތެރޭގައި ޗައިނާގެ ބެއިޖިންގ ރީސަރޗް އިންސްޓިޓިއުޓް ފޯ މެޝިން ބިލްޑިންގ އިންޑަސްޓްރީ ހިމެނޭ ކަމުގައި އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިޔު މިލަރ ވިދާޅުވިއެވެ. ޕާކިސްތާނުން ހިންގާ ބެލިސްޓިކް މިސައިލް ޕުރޮގުރާމުގެ ދަށުން އުފައްދާ ޝާހީން-3 އަދި އަބާބީލް މަރުކާގެ މިސައިލްތައް ތަރައްޤީ ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް ޗައިނާގެ އެ އިދާރާއިން އެހީތެރިކަން ފޯރު ކޮށްދެމުންދާ ކަމުގައި އޭނާ ތުހުމަތު ކުރެއްވިއެވެ.

ބެއިޖިންގ ރީސަރޗް އިންސްޓިޓިއުޓް ފޯ މެޝިން ބިލްޑިންގ އިންޑަސްޓްރީގެ އިތުރުން ޕާކިސްތާނަށް އަސްކަރީ ދާއިރާއިން އެހީތެރިކަން ފޯރު ކޮށްދެމުންދާ ޗައިނާގެ ތިން ކުންފުންޏަކާ ދެކޮޅަށް ވެސް އެމެރިކާއިން ވަނީ ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އަދި, މިސައިލް ތައްޔާރު ކުރުމަށް ބޭނުންވާ މަނާ ކޮށްފައިވާ ސާމާނު ޕާކިސްތާނަށް ފޯރު ކޮށްދިނުމުގެ ތުހުމަތުގައި ޕާކިސްތާނުގެ ކުންފުންޏެއް ކަމުގައިވާ އިނޮވެޓިކް އިކުއިޕްމެންޓްސްގެ އިތުރުން ޗައިނާގެ ރައްޔިތަކާ ދެކޮޅަށް ވެސް އެމެރިކާއިން ވަނީ ފިޔަވަޅު އަޅާފައެވެ.

"މިއަދުގެ ފިޔަވަޅުތަކުން ހާމަވެގެން ދިޔަ ގޮތަށް, އެއްވެސް ޤައުމަކުން މަނާ ކޮށްފައިވާ ހަތިޔާރު އުފައްދައި, އެ ކަމަށް ބޭނުންވާ ސާމާނު ގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ހުރަސް އަޅާނެ. އެއީ ކޮންމެ ތަނެއްގައި ހިނގި ކަމެއް ނަމަވެސް އެ ގޮތަށް އަމަލު ކުރާނެ," މިލަރ ވިދާޅުވިއެވެ.

ޗައިނާއިން ވަނީ މި ކަމާ ގުޅިގެން ނުރުހުން ފާޅު ކޮށްފައެވެ. "ބައިނަލްއަޤުވާމީ ޤާނޫނަކުން އަދި އދގެ އެއްވެސް ޤަރާރަކުން ބާރުދީފައި ނެތް މި ފަދަ ފިޔަވަޅުތަކާ ޗައިނާއިން އަބަދުވެސް ދެކޮޅު ހަދާނެ،" ވޮޝިންގޓަނުގައި ހުންނަ ޗައިނާގެ އެމްބަސީގެ ތަރުޖަމާނު ލިއު ޕޮންގޔޫ ވިދާޅުވިއެވެ. ޗައިނާއިން އެ ޤައުމުގެ ކުންފުނިތަކާއި ރައްޔިތުންގެ އިތުރުން އެ ފަރާތްތަކުގެ މަސްލަޙަތު ހިމާޔަތް ކުރުމުގައި ދެމި އޮންނާނެ ކަން ވެސް އޭނާ ހާމަ ކުރެއްވިއެވެ. އެމެރިކާގެ ފިޔަވަޅުތަކާ ގުޅިގެން ޕާކިސްތާނުން ވަކި އެއްޗެއް ހާމަ ކޮށްފައެއް ނެތެވެ.

ޕާކިސްތާނުން ހަތިޔާރު އުފައްދަން ކުރާ މަސައްކަތްތަކަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތުކޮށް އެމެރިކާއިން ފިޔަވަޅުތަކެއް އަޅާފައިވާއިރު, ހަތިޔާރުގެ ވިޔަފާރި ކުރާ އެންމެ ބޮޑު ޤައުމަކީ އެމެރިކާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. 2014ން 2018ވަނަ އަހަރާ ދެމެދު, އަދި 2019ން 2023ވަނަ އަހަރާ ދެމެދު އެމެރިކާއިން ބޭރު ޤައުމުތަކަށް ވިއްކާފައިވާ ހަތިޔާރުގެ ޢަދަދާއި އަގު އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަން ސްޓޮކްހޯމް އިންޓަރނޭޝަނަލް ޕީސް ރީސަރޗް އިންސްޓިޓިއުޓުން ހަދާފައިވާ ދިރާސާތަކުން ހާމަވެއެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރަކީ ވެސް އެމެރިކާއެވެ. ފަލަސްޠީނުގެ މުސްލިމުންގެ ގެދޮރާއި, ހަސްފަތާލުތަކާއި, މަދަރުސާތަކާ މިސްކިތްތަކަށް ޙަމަލީ, ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން އެތަކެއް ހާސް މުސްލިމުން ޝަހީދުކޮށް, ޒަޚަމު ކުރަމުން ދަނީ އެމެރިކާއިން ފޮނުވަމުންދާ ހަތިޔާރު ބޭނުން ކޮށްގެންނެވެ. އޭގެ ތެރޭގައި ފަނާކުރަނިވި ބޮންތަކާއި މިސައިލްތައް ހިމެނެއެވެ.

މީގެ އިތުރުން, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ވެސް އެމެރިކާއިން ދަނީ ނުސީދާކޮށް ބައިވެރިވަމުންނެވެ. ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ޔޫކްރެއިންގެ ފައުޖުތަކުން ބޭނުން ކުރަމުންދާ ގިނަ ހަތިޔާރަކީ އެމެރިކާއިން މެދުކެނޑުމެއް ނެތި ފޯރު ކޮށްދެމުންދާ ހަތިޔާރުތަކެވެ. އަދި, އެމެރިކާގައި އުފައްދާ އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ވެސް, ނޭޓޯގެ މެންބަރުންގެ ބައިވެރިވުމާއި އެހީތެރިކަމާ އެކު, އެމެރިކާއިން ދަނީ ޔޫކްރެއިނަށް ފޯރު ކޮށްދެމުންނެވެ.