ޚަބަރު

ވާދަވެރި ކުލަބުތަކުން ބޭނުންވަނީ ސިޓީއަށް ފިޔަވަޅު އަޅަން: ގަޑިއޯލާ


އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް މެންޗެސްޓަރ ސިޓީ އާއި ވާދަވެރި ކްލަބްތަކުން ބޭނުންވަނީ އެކްލަބާއި ދެކޮޅަށް ޕްރިމިއާ ލީގުން ބަލަމުންދާ މައްސަލައިގައި ސިޓީ އާއި ދެކޮޅަށް ފިޔަވަޅު އަޅަން ކަމަށް ސިޓީގެ ކޯޗް ޕެޕް ގަޑިއޯލާ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި މިރޭ ބްރެންޓްފޯޑް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގަޑިއޯލާ ބުނެފައިވަނީ ޕްރިމިއާ ލީގުގެ ހުރިހާ ކްލަބަކުންވެސް ބޭނުންވަނީ ސިޓީ އާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމަށާއި ނަމަވެސް އެކަމަށް ގޮތެއް ނިންމާނީ މައްސަލަ ބަލަމުންދާ މިނިވަން ކޮމިޝަނުން ކަމަށެވެ.

ސްޕެއިންގެ ލަލީގާގެ ރައީސް ހާވިއާ ޓެބަސް އަކީ އަބަދުވެސް ސިޓީ އާއި ޕީއެސްޖީ އަކީ ދެ ދައުލަތަކުން ހިންގާ ދެ ކްލަބް ކަމަށްބުނެ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އަދި އެކަމާއި ގުޅިގެން ފުރަތަމަ ފަހަރަށް ގަޑިއޯލާ ބުނެފައިވަނީ ހުރިހާ އެންމެންވެސް ސިޓީ އާއި ދެކޮޅަށް ފިޔަވަޅު އަޅަން ބޭނުންވާ ކަމަށާއި ނަމަވެސް ޓެބަސް އާއި އެހެން ކްލަބްތަކުން މިކަމަށް ފައިނަލް ގޮތެއް ނިންމަންދެން މަޑު ކުރުމަށް ގަޑިއޯލާ ވަނީ ގޮވާލާފަ އެވެ.

ގަރުނުގެ ޝަރީއަތުގެ ގޮތުގައި މީޑިޔާ ތަކުން ސިފަކުރާ މި މައްސަލައިގެ އަޑު އެހުންތައް 10 ހަފްތާއަށް ދިގުދެމިގެންދާއިރު އަންނަ އަހަރުގެ ކުރީކޮޅު މައްސަލައިގައި ނިންމާ ގޮތެއް ހާމަ ކުރާނެކަމަށް ގަބޫލުކުރެވެ އެވެ.

ޕްރިމިއާ ލީގުން ބުނެފައިވަނީ 2009 އިން 2018 އާއި ދެމެދު މެންޗެސްޓަރ ސިޓީން ވަނީ ޕްރިމިއާ ލީގުގެ ފައިނޭންޝަލް ފެއާ ޕްލޭ އާއި ހިލާފު ވެފައި ކަމަށާއި އަދި އެކަމަށް ބާރުދޭ 115 މައްސަލައެއް ދަނީ ބަލަމުންދާއިރު އޭގެ ތެރޭގައި ސިޓީން މާލީ ރަގަޅު މައުލޫމާތު ދީފައިނުވާކަމަށް ބުނާ މައްސަލަތަކެއްވެސް ހިމެނެއެވެ.


މި މައްސަލަ ސިޓީ އާއި ދެކޮޅަށް ނިމިއްޖެނަމަ, އެ ކްލަބުގެ ޕޮއިންޓްތައް ކެނޑުމުގެ އިތުރުން ރެލިގޭޝަނުގެ ބިރުވެސް ވަނީ ކުރިމަތިވެފައެވެ . ފާއިތުވެދިޔަ ދުވަސްތަކުގައި ސިޓީން ވަނީ ޕްރިމިއާ ލީގު އަށް ފަހަރު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުވެސް ހޯދާފަ އެވެ.

ސިޓީގެ މައްސަލަތަކެއް ބަލަމުންދާއިރު އެ ކްލަބުން ވަނީ ކްލަބްތަކަށް ސްޕޮންސަރޝިޕް ހޯދުމުގައި ހަމަހަމަ އުސޫލުތަކެއް ޕްރިމިއާ ލީގުން ނުގެންގުޅޭ ކަމަށްބުނެ ޕްރިމިއާ ލީގާއި ދެކޮޅަށް މައްސަލައެއް ހުށައަޅާފައެވެ.