ކުޅިވަރު

ރާއްޖޭގެ އެކި ސަރަހައްދުތަކުން ވޮލީ ކޯޗުން ތަމްރީނުކުރުމަށް ޗައިނާއަށް


ރާއްޖޭގެ އެކި ސަރަހައްދުތަކުން ވޮލީބޯޅަ ކޯޗުން ތަމްރީނުކުރުމަށް ޗައިނާއަށް ފޮނުވުމަށް ހަމަޖެހިއްޖެއެވެ.

ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަށް ރާއްޖެ އާއި ޗައިނާއާ ދެމެދު މީގެ ކުރިން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ވޮލީގެ 20 ކޯޗުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާއިރު، އެއީ ފިރިހެން 12 ކޯޗުންނާއި އަންހެން 8 ކޯޗުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުން އަންނަ ކޯޗުންގެ އިތުރުން ކުރީގެ ބައެއް ކުޅުންތެރިންވެސް ހިމެނެއެވެ.

މި 20 ކޯޗުން ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޚަރަދުގައެވެ. ތަމްރީނު ޕްރޮގުރާމުގައި ބައިވެރިވުމަށް ވޮލީ ކޯޗުން މިރޭ ޗައިނާގެ ހަންގްޖޯއަށް ފުރާއިރު، މިއީ ތިން ހަފުތާގެ މުއްދަތަކަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެކެވެ.

ވޮލީ ކޯޗުން ޗައިނާއަށް ފުރުމުގެ ކުރިން މިއަދު ހަވީރު، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޝިން ވަނީ އެ ކޯޗުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ޗައިނާ ސަފީރުގެ ރެސިޑެންސްގައެވެ. އަދި މި ބައްދަލުވުމުގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފާއި، އެ އެސޯސިއޭޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ރާފިޢު ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ޗައިނާއިން ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް، އެ ގައުމުގެ ސަފީރަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ތަމްރީނު ޕްރޮގުރާމަށް ރާއްޖޭގެ 20 ކޯޗަކު ޗައިނާއަށް ފުރާއިރު، މުސްތަގުބަލުގައި ޗައިނާގެ ކޯޗުން ރާއްޖެ ގެނެސް، ގިނަ އަދަދެއްގެ ދިވެހި ކޯޗުންނަށް ބައިވެރިވެވޭ ތަމްރީނު ޕްރޮގުރާމުތައް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވީއޭއެމްގެ ރައީސް ލަތީފް ވިދާޅުވީ މި ޕްރޮގުރާމަކީ ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް މުހިންމު ޕްރޮގުރާމެއް ކަމަށެވެ. އަދި ކުޅިވަރުގެ ކަންކަމުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮން ގުޅުން ފާހަގަކުރާ ކަމަށާއި، އުއްމީދަކީ ޗައިނާއާ ގުޅިގެން އިތުރު ގިނަ ޕްރޮގުރާމުތަކެއް ހިންގުން ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން ވޮލީބޯޅަ ކޯޗުން ތަމްރީނުކުރުމަށް ޗައިނާއަށް ފޮނުވާއިރު، ޗައިނާއަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަ އެހީތަކެއްވަމުން އަންނަ ގައުމެކެވެ. އެގޮތުން ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިން ވަނީ މީގެ ކުރިން ޗައިނާގައި ތަމްރީނު ޕްރޮގުރާމުތައް ފުރިހަމަކޮށްފައެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު ޗައިނާ ސަރުކާރުގެ ފަރާތުން ވަނީ ޓޭބަލް ޓެނިސް ކުޅޭ ސާމާނުވެސް ރާއްޖެއަށް ހަދިޔާކޮށްފައެވެ.