ޚަބަރު

ރާއްޖޭގައި ވޭޕާއި އީ ސިނގިރޭޓު މަނާކުރުމަށް އެދިއްޖެ


  • 30 އިންސައްތައަށްވުރެ ގިނަ މީހުން ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު

  • 40 އިންސައްތައަށްވުރެ ގިނަ މީހުންނަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު

  • 60 އިންސައްތައަށްވުރެ ގިނަ ޒުވާނުން 18 އަހަރު ނުވަނީސް ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ

ރާއްޖޭގައި ވޭޕާއި އީ ސިނގިރޭޓު މަނާކުރުމަށް މޯލްޑިވްސް ނޮން ކޮމިއުނިކަބަލް ޑިސީސް އެލަޔަންސް، އެންސީޑީއޭން އެދިއްޖެއެވެ.

އެންސީޑީއޭއަކީ ގައިންގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދީ، އެކުގައި މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ އެލަޔަންސެކެވެ. މި އެލަޔަންސުގައި ހިމެނެނީ ކެންސަރ ސޮސައިޓީ އާއި ޑައިބިޓިސް ސޮސައިޓީ އާއި ޓައިނީ ހާޓްސް އާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ތެލެސީމިއާ ސޮސައިޓީ އާއި މެންޓަލް ހެލްތު އެވެއަރނެސް ފައުންޑޭޝަންގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޕަރސަންސް ވިތް ޑިސްއެބިލިޓީސް، އެމްއޭޕީޑީއެވެ.

މޯލްޑިވްސް އެންސީޑީ އެލަޔަންސުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ސިއްޙަތަށް އެންމެ ބޮޑު ބުރައަކަށްވެފައިވަނީ ގައިން ގަޔަށް ނާރާ ބަލިތައް ކަމަށާއި ރާއްޖޭގައި މަރުވާ 84 އިންސައްތަ މީހުންނަކީ އެފަދަ ބަލިތަކުގައި މަރުވާ މީހުންކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އަދި ދުންފަތާއި ދުންފަތުގެ ބާވަތްތައް ހިމެނެނީ ގައިންގަޔަށް ނާރާ ބަލިތައް މެދުވެރިކުރާ އެންމެ ބޮޑު އެއް ހިރާސް ކަމަށްވެސް އެއެލަޔަންސުން ވަނީ ބުނެފައެވެ.

އެންސީޑީއޭ އިން ބުނީ ވޭޕް އަދި އީ ސިނގިރޭޓަކީ ދުންފަތުގެ ބާވަތްތައް ކަމަށާއި ރާއްޖޭގައި އެފަދަ ތަކެތީގެ އިސްތިއުމާލުކުރުން ވޭތުވެދިޔަ އަހަރުތަކުގައި އިންތިހާއަށް އިތުރުވުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ. ވޭޕާއި އީ ސިނގިރޭޓް ބޭނުންކުރުމުން ލިބޭ ސިއްޙީ ގެއްލުންތައް އެތައް ދިރާސާއަކުން ސާބިތުވެފައިވާކަމަށާއި އޭގައި ހިމެނޭ ނިކޮޓިންއާއި އެހެނިހެން ކެމިކަލްތަކުގެ ސަބަބުން ކެންސަރާއި ހިތުގެ ބަލި އަދި ސްޓްރޯކްފަދަ ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެއެވެ.

ނިކޮޓިން މާއްދާގެ ސަބަބުން އިންސިއުލިން ރެސިސްޓަންސް އިތުރުވެ ޓައިޕް 2 ޑައިބިޓީސްއަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވާކަން ފާހަގަކޮށް އެންސީޑީއޭއިން ބުނީ ވޭޕް ބޭނުންކުރާ މީހުންގެ ތެރެއިން 30 އިންސައްތައަށްވުރެ ގިނަ މީހުންނަށް ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި 40 އިންސައްތައަށްވުރެ ގިނަ މީހުންނަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށްވެސް އެ އެލަޔަންސުން ފާހަގަކުރެއެވެ.

ވޭޕްގައި ތަފާތު ފްލޭވާތައް ބޭނުންކުރުމުގެ ސަބަބުން ދުންފަތުގެ ހިތި ރަހަ ގެއްލި އެއަށް ޒުވާނުން ދެވިހިފުމުގެ ފުރުސަތު އިތުރުވާ ކަމަށާއި މީގެ ސަބަބުން ޅަފަތުގައި ކުދިން ދުންފަތަށް ހުށަހެޅި ދުންފަތުގެ އިސްތިއުމާލު ކުރާ އުމުރު ދަށްވަމުންދާކަންވެސް އެންސީޑީއޭއިން ބުނެއެވެ. އެގޮތުން ވޭޕް ބޭނުންކުރާ ޒުވާނުންގެ ތެރެއިން 60 އިންސައްތައަށްވުރެ ގިނަ ޒުވާނުން 18 އަހަރު ނުވަނީސް ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ވޭޕްކުރާ އާލާތްތަކުގައި ކެނަބިސް އަދި ކީޓަމިންފަދަ ތަފާތު މަސްތުވާތަކެތި ގަޑުބަޑުކުރަން ފަސޭހަވެ އޭގެ ސަބަބުންވެސް މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ފުރުސަތު އިތުރުވާކަން އެންސީޑީއޭއިން ފާހަގަކުރެއެވެ.

މި ސަބަބުތަކާހުރެ ވޭޕާއި ސިނގިރޭޓު މަނާކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ އިދާރާތަކަށް އެންސީޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެފަދަ ތަކެތި މަނާކުރުމުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ހާލަތު ރަނގަޅުވެ، ގައިން ގަޔަށް ނާރާ ބަލިޔަކަށް ހުށަހެޅޭ މިންވަރު މަދުވާނެ ކަމަށާއި ޒުވާނުން މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށްވެސް މޯލްޑިވްސް އެންސީޑީ އެލަޔަންސުން ބުނެއެވެ.

ވޭޕާއި އީ ސިނގިރޭޓުން ކުރިމަތިވާ ނުރައްކާތަކުގެ ސަބަބުން މިހާތަނަށް ދުނިޔޭގެ 34 ޤައުމަކުން ވަނީ އެތަކެތި މަނާކޮށްފައެވެ. މީގެ ތެރޭގައި އިންޑިއާ އާއި ތައިލެންޑުވެސް ހިމެނެއެވެ.