ޚަބަރު

މަޑުއްވަރީ އައިސް ޕްލާންޓު މިފްކޯގެ ދަށަށް ބަދަލުކޮށްފި


  • ކުރިން އައިސް ޕްލާންޓް ހިންގަމުން އައީ ރަށު ކައުންސިލުން

  • 750 ރުފިޔާގެ ރޭޓުން އައިސް ޓަނެއް މިހާރު ލިބޭނެ

ރ. މަޑުއްވަރީ އައިސް ޕްލާންޓު މިފްކޯގެ ދަށަށް ބަދަލުކޮށްފިއެވެ.

މިހާތަނަށް މިއައިސްޕްލާންޓް ހިންގަމުން އައީ މަޑުއްވަރީ ކައުންސިލުންނެވެ. އެރަށު ކައުންސިލުން ސަރުކާރުގެ ނިންމެވުމާއެއްގޮތަށް އައިސްޕްލާންޓް މިފްކޯއާ ހަވާލުކުރީ އިއްޔެއެވެ.

މަޑުއްވަރީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މިފްކޯގެ ފަރާތުން އައިސްޕްލާންޓާ ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ކުންފުނި ވަގުތީގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އިލްޔާސް ހަނީފެވެ. ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސާދިގުއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މަޑުއްވަރީ ކައުންސިލްގެ ރައީސް ސާދިގު ވިދާޅުވީ މި ގެނައި ބަދަލާއެކު މަސްވެރިންނަށް އަގުހެޔޮކޮށް އައިސް ލިބިގެންދާނެ ކަމަށެވެ.

މިކަމާގުޅޭގޮތުން މިފްކޯގެ ޕްރޮޖެކްޓްސް އެންޑް ޓެކްނިކަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވިދާޅުވީ، މިފްކޯއިން މަޑުއްވަރީގެ އައިސް ޕްލާންޓާއި ހަވާލުވެ މިހާރު ޚިދުމަތް ފަށާފައިވާ ކަމަށެވެ. އަދި އެތަން މިހާރު ބަލަހައްޓަމުން ދަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ) ގެ އިންޖިނިއަރުންގެ ޓީމުގެ ފަރާތުން ކަމަށެވެ.

މުއާޒު ވިދާޅުވީ މިޚިދުމަތާއެކު 750 ރުފިޔާގެ ރޭޓުން މިހާރު މަސްވެރިންނަށް އައިސް ޓަނެއް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މަސްވެރިންނަށް ލުއިފަސޭހަ ގޮތްތައް ކުރިއަށް އޮތްތަނުގައިވެސް މިފްކޯއިން ހޯދައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޑުއްވަރީގައި ހުންނަނީ 25 މެޓްރިކް ޓަނުގެ ފްލޭކްސް އައިސް ޕްލާންޓެކެވެ. އެ އައިސް ޕްލާންޓުގައި 50 ޓަނުގެ އައިސްގެ ސްޓޮކެއް ރައްކާކޮށްފައި ބެހެއްޓޭނެއެވެ.

މަޑުއްވަރީ އައިސް ޕްލާންޓަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ޚިދުމަތް ދޭން ފެށި ތަނެކެވެ.