ޚަބަރު

ސީއޭ މޯލްޑިވްސްއަކީ އަމިއްލަ އާމްދަނީގައި ހިންގޭ ތަނަކަށް ހަދާނަން: ސީއޭ މޯލްޑިވްސް ރައީސް


  • އައު ކައުންސިލުން 4 އަމާޒަކަށް މަސައްކަތް ކުރާނެ

  • ބައިނަލްއަގްވާމީ އެކައުންޓެންޓުގެ ޖަމްޢިއްޔާގެ މެންބަރުކަން މިނޮވެމްބަރު މަހު ލިބޭނެ

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްގެ އައު ކައުންސިލުގެ އެއް އަމާޒަކީ އެ އިންސްޓިޓިއުޓަކީ މާލީ ގޮތުން ދެމެހެއްޓެނިވި ތަނަކަށް ހެދުންކަމަށް ސީއޭ މޯލްޑިވްސްގެ އައު ރައީސް، މުހައްމަދު ހަލީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ސީއޭ މޯލްޑިވްސްގެ ފުރަތަމަ ކައުންސިލްގެ ދައުރު ހަމަވުމާއި، އަދި އެ އިންސްޓިޓިއުޓަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. މިހަފްލާ ޝަރަފުވެރިކޮށްދެއްވީ ސީއޭ މޯލްޑިވްސްގެ ކުރީގެ ރައީސް ހަސަން ޒިޔަތުއެވެ.

މިހަފްލާގައި ވާހަކަދައްކަވަމުން ސީއޭ މޯލްޑިވްސްގެ ފުރަތަމަ އިންތިޚާބީ ކައުންސިލްގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގައި އެކައުންޓިން ފަންނު ކުރިއެރުވުމަށް ރޭވިގެން ގިނަ މަސައްކަތްތަކެއް އައު ކައުންސިލުން ކުރާނެ ކަމަށެވެ.

މިއަމާޒު ހާސިލް ކުރުމަށް މިދައުރުގައި މައިގަނޑު 4 ކަމަކަށް އަމާޒަކަށް މަސައްކަތް ކުރާނެ ކަމަށް ސީއޭ މޯލްޑިވްސްގެ ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރަށް ވުރެ މެންބަރުން އިތުރުކުރުމާއި، ގަވާއިދުތަކާއި އުސޫލްތަކުގެ ކޮލިޓީ ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، ސީއޭ މޯލްޑިވްސްއަކީ ޤާނޫނީ ބާރުލިބިގެން އުފެދައިވާ ތަނަކަށްވާއިރު އެތަނަކީ ނިޒާމުގެ ތެރޭގައި ވަކި އިދާރާއެއްގެ ގޮތުގައި ބަލައިގަތުން އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މީގެ އިތުރުން ސީއޭ މޯލްޑިވްސްގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން 3 ވަނަކަމަކަށް ސީއޭ މޯލްޑިވްސްއަކީ ރެވެނިއު ޖެނެރޭޓް ކުރާ ދެމެހެއްޓެނިވި ތަނަކަށް ހަދަން ބޭނުން " ރައީސް ވިދާޅުވިއެވެ.

މިހަފްލާގައި ސީއޭ މޯލްޑިވްސްގެ ދައުރު ހަމަވާ ކައުންސިލުގެ ރައީސް އަދި އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ، މިވޭތުވެ ދިޔަ 4 އަހަރު އަމާޒު ހިފީ ބައިނަލްއަޤްވާމީ އުސޫލުތަކުގެ ތެރެއިން ސީއޭ މޯލްޑިވްސް ހިންގުމަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސްގެ މެންބަރަކަށް ސީއޭ މޯލްޑިވްސް މިނޮވެމްބަރު މަހު ވެގެންދާނެ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

"މިހާރު އޮތީ ޓެކްނިކަލް އެޕްރޫވަލްސް ލިބިފައި. މިއާއެކު އައިފެކް ކައުންސިލުން ނިންމުމާއެކު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އައިފެކް މެންބަރޝިޕް ލިބޭނެ "ނިޔާޒީ ވިދާޅުވިއެވެ.

މި ހަފްލާގައި ސީއޭ މޯލްޑިވްސްގެ ދައުރު ހަމަވި ކައުންސިލާއި، ކުރީގެ މެންބަރުންނާއި އަދި އެނޫންވެސް ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސީއޭ މޯލްޑިވްސް ހިންގަން ކައުންސިލެއް އެކުލަވާލާފައިވާއިރު، އެކައުންސިލްގައި އޮޑިޓަރ ޖެނެރަލްއާއި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ފައިނޭންޝަލް ކޮންޓްރޯލަރ ހިމެނިވަޑައިގަންނަވައެވެ. އައު ކައުންސިލުގައި ރައީސާއި ނައިބް ރައީސްގެ އިތުރުން އިތުރު 6 މެންބަރުން ތިއްބަވާނެއެވެ. އެ ބޭފުޅުންނަކީ ސީއޭ މޯލްޑިވްސްގެ މެންބަރުންގެ ވޯޓަކުން ހޮވާފައިވާ ފަރާތްތަކަކެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭއަކީ ރާއްޖޭގެ އެކައުންޓަންސީ ޕްރޮފެޝަނާގުޅޭ ކަންކަން، ބައިނަލްއަޤްވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ތަންޒީމުކޮށް، ރާއްޖޭގައި އެކައުންޓަންސީގެ ޕްރޮފެޝަނެއް ޤާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ. މި އިދާރާ އުފައްދާފައިވަނީ 2020 ވަނަ އަހަރު އެކުލަވާލި ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުގެ ދަށުންނެވެ.