ޚަބަރު

ޕާކިސްތާނުގައި ވެކްސިން ޓީމުތަކަށް ޙަމަލާ ދޭން ފެށުމުން ފުލުހުން ހަޅުތާލަށް


ޕާކިސްތާނުގެ ކުޑަކުދިންނަށް ޕޯލިޔޯ ވެކްސިން ޖަހައިދިނުމަށް ފަށާފައިވާ ޤައުމީ ކެމްޕޭނުގެ ދަށުން ހަރަކާތްތެރިވަމުން ދިޔަ ޓީމަކަށް ޙަމަލާދީ ދެ މީހުން މަރައިލައިފިއެވެ. އެ ޤައުމުގެ ހުޅަނގުއުތުރުގައި ބާޖޯރު ދަރިކޮޅުގެ މީހުން ދިރިއުޅޭ ސަރަޙައްދުގައި ދިން ޙަމަލާގައި މަރައިލާފައި ވަނީ ޞިއްޙީ ޚިދުމަތްތެރިއަކާއި ފުލުހެކެވެ. ޕާކިސްތާނުގައި ހަރަކާތްތެރިވާ ޠާލިބާނުން ވަނީ އެ ޙަމަލާގެ ޒިންމާ އުފުލާފައެވެ.

ޕޯލިޔޯ ވެކްސިން ކެމްޕޭންގެ ދަށުން, އެންމެ ގިނަ ޢަދަދެއްގެ ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމަށް މަސައްކަތް ކުރަމުން ދަނީ ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަހައްދުތަކުގައި ދިރިއުޅޭ ކުޑަކުދިންނަށެވެ. ސަބަބަކީ, އެ ސަރަޙައްދުތަކުގައި ހަލުވިކަމާ އެކު ޕޯލިޔޯ ބަލިި ފެތުރެމުން ދިޔުމެވެ. "ބާޖޯރު ދަރިކޮޅުގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމަށް މަސައްކަތް ކުރަމުން ދިޔަ ޓީމުގެ މެންބަރުންނަށް ބަޑީގެ ޙަމަލާތަކެއް ދިނީ މޫނު ނިވާކޮށްގެން ތިބި ހަތިޔާރު އެޅި ބަޔަކު،" އެ ސަރަޙައްދުގެ ފުލުހުންގެ ވެރިޔާ ވަޤާޞް ރަފީޤު ވިދާޅުވިއެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ޠާލިބާނުންގެ ގޮފި, ތަހްރީކް ޠާލިބާން ޕާކިސްތާން (ޓީޓީޕީ)ން ވަނީ އެ ޙަމަލާގެ ޒިންމާ އުފުލާ ކަަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އެ ޖަމާޢަތުން ބުނީ, ޙަމަލާތަކުގައި ފުލުހުންގެ އެކަކު މަރައިލައި, އިތުރު މީހަކު ޒަޚަމު ކޮށްލާފައިވާނެ ކަމުގައެވެ. މަރައިލާފައިވާ ޞިއްޙީ ޚިދުމަތްތެރިޔާއާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަ ކޮށްފައެއް ނެތެވެ.

މިއީ, ޕާކިސްތާނުގެ ރަށްފުށު ސަރަޙައްދުތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމަށް މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށް މި ފަދަ ޙަމަލާތަކެއް ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ތުހުމަތު ކުރާ ގޮތުގައި, ހުޅަނގުގެ ބާރުތަކުން އަޑީގައި އޮވެގެން ރަށްފުށު ސަރަޙައްދުތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް ވެކްސިން ޖަހައިދެމުން ދަނީ, އެ ކުދިން ބޮޑެތިވުމުން ދަރިން ނުލިބޭ ގޮތް ހެދުމުގެ ބޭނުމުގައެވެ.

ވެކްސިން ކެމްޕޭން ފެށި ފަހުން ނިރުބަވެރި ޖަމާޢަތްތަކުން ދީފައިވާ ޙަމަލާތަކުގައި މިހާތަނަށް ދެ ފުލުހުން ވަނީ މަރުވެފައެވެ. އަދި, ޞިއްޙީ ޚިދުމަތްތެރިއެއް ވެސް ވަނީ މަރުވެފައެވެ. އަދި, ވެކްސިން ޓީމަކަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއެއްގައި އިތުރު ނުވަ މީހަކު ވަނީ ޒަޚަމުވެފައެވެ. ނިރުބަވެރިންގެ ޖަމާޢަތް, އައިއެސުން ވަނީ ބޮމުގެ ޙަމަލާގެ ޒިންމާ އުފުލާފައެވެ.

މި ފަދަ ޙަމަލާތަކާ ގުޅިގެން, ވެކްސިން ޓީމުތަކަށް ރައްކާތެރިކަން ފޯރު ކޮށްދިނުމަށް ފުލުހުން ވަނީ ދެކޮޅު ހަދަން ފަށާފައެވެ. މި ގޮތުން, ޕާކިސްތާނުގެ ހުޅަނގުއުތުރުގެ ސަރަޙައްދުތަކުގައި ވެކްސިން ޖަހައިދޭ ޓީމުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާ 100އެއްހާ ފުލުހުން ވަނީ ހަޅުތާލު ކުރަން ފަށާފައެވެ. "ހަޅުތާލުގައި ބައިވެރިވަމުންދާ ފުލުހުންގެ ޢަދަދު ދަނީ އިތުރުވަމުން،" ހަޅުތާލުގެ އެއް ބައިވެރިއަކު ބުންޏެވެ.

އެންމެ ގިނަ ޢަދަދެއްގެ ފުލުހުން ހަޅުތާލު ކުރަމުން ދަނީ ޚައިބަރް ޕަޚްތުންޚާ ޕުރޮވިންސުގެ ބަނޫ ޑިސްޓްރިކްޓުގައެވެ. އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ފުލުހުން ކުރަމުންދާ ހަޅުތާލު ހުއްޓުވަން ކުރަމުންދާ މަސައްކަތްތައް ފޭލުވެފައިވާ ކަމުގައި އޮފިޝަލުން ބުންޏެވެ. އަދި, ވެކްސިން ޖަހައިދޭ ޓީމުތަކަށް ސަލާމަތީ ޚިދުމަތްތައް ފޯރު ކޮށްދޭން ފުލުހުން ދަނީ ދެކޮޅު ހަދަމުންނެވެ.

ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމަށް ޤައުމީ ކެމްޕޭނެއް ފަަށާފައި ވަނީ މި ހިނގާ ހަފުތާގެ ކުރީކޮޅުގައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ, ވެކްސިން ކެމްޕޭނުގެ އަމާޒަކީ އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ 30 މިލިޔަން ކުޑަކުދިންނަށް ވެކްސިން ޖަހައިދީ, ބަލި ފެތުރުން ކޮންޓްރޯލް ކުރުން ކަމުގައެވެ.

މި ވަގުތު, ހަލުވިކަމާ އެކު ޕޯލިޔޯ ފެތުރެމުންދާ ހަމައެކަނި ޤައުމުތަކަކީ އަފްޣާނިސްތާނާއި ޕާކިސްތާނެވެ. މި އަހަރުގެ މިހާތަނަށް ޕާކިސްތާނުގައި ބަލި ޖެހިފައިވާ މީހުންގެ ޢަދަދު 17އަށް އަރާއިރު, އޭގެ ކުރީ އަހަރު ވެސް ބަލި ޖެހިފައިވާ ހަ މީހުން ދެނެގަނެވިފައިވެއެވެ. 2021ވަނަ އަހަރުގެ އޮގަސްޓު މަހު އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލައި, ނިރުބަވެރިންގެ ޖަމާޢަތް, ޠާލިބާނުން އެ ޤައުމުގެ ވެރިކަން ފޭރިގަތް ފަހުން, ޕާކިސްތާނުގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތްތަކުން ދޭ ޙަމަލާތައް ވެސް އިތުރު ކޮށްފައިވާ ކަން ފާހަގަވެއެވެ. ގިނަ ޙަމަލާތައް ދީފައި ވަނީ ޚައިބަރް ޕަޚްތުންޚާގެ އިތުރުން ބަލޫޗިސްތާނުގައެވެ.