ޚަބަރު

ބަރަހަނާ ޓެލެގްރާމް ޗެނަލްތައް: ކުޑަކުދިންގެ ފޮޓޯއާއި ވީޑިއޯ ހޯދަން އެކި ފަރާތްތަކާއި ވާހަކަދައްކާފައިވޭ


  • މި މައްސަލާފައި 3 މީހަކު ވަނީ ހައްޔަރުކޮށްފައި

ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ހިމެނޭ ޓެލެގްރާމް ޗެނަލްތައް ހިންގާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޒުބައިރު އަލީ ވަނީ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހޯދުމަށް އެކި ފަރާތްތަކާ ވާހަކަދައްކާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ ޓެލެގްރާމް މެދުވެރިކޮށް ގިނަ އަދަދެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށް، ވިއްކި މައްސަލައާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާ ގޮތުގައި މިހާތަނަށް ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށް ވިއްކަމުންދާ 571 ޗެނަލް ވަނީ ހުއްޓުވާފައެވެ. މި މައްސަލާގައި 3 މީހުން މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އެއީ އދ. މަހިބަދޫ، ބަހާރުގެ، ޢުމުރުން 45 އަހަރުގެ ޒުބައިރު ޢަލީއާއި، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ޢުމުރުން 46 އަހަރުގެ ނާޞިފް ޢަލީގެ އިތުރުން ކ. ކާށިދޫ، ސިލިންކޯ، ޢުމުރުން 29 އަހަރުގެ އިސްމާޢީލް ރަބީޙްއެވެ.

ފުލުހުން ވިދާޅުވީ މިފަދަ މައްސަލައެއްގައި ޝިކާރައަކަށްވި ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ހޯދި ހޯދުންތަކުން "ދި ލީކްސް" ގެ ނަމުގައި ހިންގާ ޓެލެގްރާމް ޗެނަލެއް ފާހަގަކުރެވުނު ކަމަށެވެ. އަދި އެ ޗެނަލަށް 635 މީހުން ސަބްސްކްރައިބްކޮށްފައިވާއިރު ބަރަހަނާ މަންޒަރު ދައްކުވައިދޭ 350 ފޮޓޯއާއި 2400 ވީޑިއޯ ޕޯސްޓް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ބަރަހަނާ ފޮޓޯތައް ވަނަވަރު އެނގޭގޮތަށް ޕޯސްޓްކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ އިސްމާޢިލް ރަބީޙްއެވެ. އޭނާގެ ފޯނު ބަލައި ފާސްކުރިއިރު ބަރަހަނާ ފޮޓޯއާއި ވީޑިއޯތަކުގެ އިތުރުން ތަފާތު އެކި ބާވަތްތަކުގެ ކުށްތައް ހިމެނޭ ކޮންޓެންޓާއި "ރޮމޭންސް ސްކޭމް"ގެ ބައިވަރު އަމަލުތައް އަދި ފައިސާގެ މުއާމަލާތްތައްވެސް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ހައްޔަރުކޮށްފައިވާ ނާޞިފް ޢަލީގެ ފޯނު ބަލައިފާސްކުރުމުންވެސް ފައިސާގެ މުއާމަލާތްތަކާއި މި މައްސަލައާ ގުޅޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒުބައިރު އަލީގެ ފޯނުން ކުޑަކުދިން ހިމެނޭހެން ގިނަ އަދަދެއްގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ ކަމަށާއި، އަދި އެ ވާހަކަތައް އެކި މީހުންނަށް ކިޔައިދޭން މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި ޓެލެގްރާމް ޗެނަލްތައް މެދުވެރިކޮށް ކުޑަކުދިންގެ ފޮޓޯތަކާއި ވީޑިއޯތައް ހޯދުމަށް އެކި ފަރާތްތަކާ އޭނާ ވާހަކަދައްކާފައި އެބަހުރި ކަމަށާއި ޗެނަލްތަކުން ފޮޓޯ ނެގުމަށް ވިކްޓިމުން އަތުން ފައިސާއަށް ޑިމާންޑްކޮށް ޖިންސީ އަމަލު ހިންގުމަށްވެސް އެދިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވަނީ މި މައްސަލައިގައި 14 އިލެކްޓްރޯނިކް ޑިވައިސެއް ބަލާފައެވެ. އެގޮތުން މި ތިން މީހުންގެ ޑިވައިސްތަކުން 9 ޓެލެގްރާމް އެކައުންޓާއި 571 ޓެލެގްރާމް ޗެނަލާއި 27 ގޫގަލް އެކައުންޓާއި 26 ފޭސްބުކް އެކައުންޓާއި 3 ވަޓްސްއެޕް އެކައުންޓާއި 3 ވައިބާ އެކައުންޓުގެ އިތުރުން އެހެނިހެން ކްލައުޑް ސްޓޯރެޖްތަކަށް ނިސްބަތްވާ 30 އެކައުންޓެއް ވަނީ ފުލުހުން ހޯދާފައެވެ. މީގެ ތެރޭގައި ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރުމަށް 43 ޗެނަލް ހަދާފައިވާއިރު ކުޑަކުދިންގެ ނަމުގައި ވަކިވަކި ޗެނަލްތައް ހަދާފައިވާކަންވެސް ފުލުހުންގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.

ޓެލެގްރާމް ޗެނަލްތަކުން އިތުރަށް ފާހަގަކުރެވޭ ކަންކަން:

- ބަރަހަނާ މަންޒަރު ދައްކުވައިދޭ 86618 ވީޑިއޯ
- ބަރަހަނާ މަންޒަރު ދައްކުވައިދޭ 241651 ފޮޓޯ
- 34680 ސަބްސްކްރައިބާސް
- ސަބްސްކްރައިބްކޮށްގެން 2 މިލިއަނަށްވުރެ ގިނަ ފައިސާ ހޯދި

ފުލުހުން ވިދާޅުވީ ތަހުގީގުން މިކަމަކީ ޒުބައިރު އަލީ ދުރާލާ ވަރަށް ބޮޑަށް ތައްޔާރުވެގެން ކޮށްފައިވާ ކަމެއްކަމަށެވެ. އެގޮތުން އެކި އުކުޅުތައް ބޭނުންކޮށްގެން ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އެއްކޮށްފައިވާ ކަމަށާއި އެ ޖަރީމާގައި ބައިވެރިކުރަން އިތުރު މީހުން ރެކްރޫޓްކޮށް، އެކަމުން މާލީ މަންފާހޯދާނެ ގޮތް ކިޔައިދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ރާއްޖޭގައި މިބާވަތުގެ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވާކަން ފާހަގަކޮށް ކުޑަކުދިން ޑިވައިސްތައް ބޭނުންކުރާއިރު ބެލެނިވެރިން ހުށިޔާރުވެ ފާރަވެރިވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. އަދި އެފަދަ ޗެނަލްތަކަށް ފައިސާ ދެއްކުމާއި ވަނުމަކީވެސް މަނާކަމެއް ކަމަށާއި އެފަދަ ފަރާތްތައް ހޯދައި ޤާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މީގެ އިތުރުން މިފަދަ މައްސަލައެއްގެ ޝިކާރައަކަށްވެފައިވާ މީހެއް ހުރިނަމަ ވީހާވެސް އަވަހަށް އެކަން ފުލުހުންނާއި ހިއްސާކުރުމަށްވެސް ފުލުހުން އެދެއެވެ. އަދި އެ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަންވެސް ފުލުހުން ދެއްވައެވެ.