މާލޭގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގެ ފައިނަލުގައި ދިވެހި ގައުމީ އަންހެން ޓީމުން ދެއްކި ހިތްވަރާއި އަޒުމާ މެދު ފަޚުރުވެރިވެ ވަޑައިގަންނަވާކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ސާބަސްދެއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމީ ޓިމަށް އިތުރު ކާމިޔާބީއާއި ކުރިއެރުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެއެވެ.
ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕުގެ ފައިނަލްގައި ވާދަކޮށްފައިވަނީ ރާއްޖެ އާއި ކިރްގިސްތާނެވެ. މިރޭ ކުޅުނު މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްފައިވަނީ ކިރްގިސްތާނުންނެވެ.
— Dr Mohamed Muizzu (@MMuizzu) September 11, 2024
ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފެވެ. ފައިނަލް މެޗަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވަނީ މި މުބާރާތުގައި ދިވެހި ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ދެއްކި ހިތްވަރާ މޮޅުކުޅުމަށް ސާބަސް ރައްދުކުރައްވާފައެވެ. އަދި ދިވެހި ކުޅުންތެރިންގެ ހުނަރާއި ވާދަވެރިކަމުގެ ރޫޙާ މެދު ފަޚުރުވެރިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
🇲🇻
— Hussain Mohamed Latheef (@HucenSembe) September 11, 2024
ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގައި ދިވެހި ޤައުމީ އަންހެން ވޮލީބޯޅަ ޓީމުން ދެއްކި ހިތްވަރާ މޮޅުކުޅުމަށް ސާބަސް ރައްދުކުރަން. ތިޔަ ކުޅުންތެރިންގެ ހުނަރާއި ވާދަވެރިކަމުގެ ރޫޙާމެދު ފަޚުރުވެރިވަން. އެންމެ ބޭނުންވި ނަތީޖާ ނުލިބުނު ނަމަވެސް މިރޭ ތިޔައީ ދިވެހިންގެ ޗެމްޕިއަނުން! pic.twitter.com/c6A3X5bbBn
މުބާރާތުގެ ފައިނަލް މެޗުގައި ދިވެހި ގައުމީ ޓީމަށް ސަޕޯޓުކުރެއްވުމަށް ވަޒީރުންނާއި އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓަށް ގޮސްފައެވެ. މި މުބާރާތުގައި ހަތަރު ގައުމެއް ވާދަކުރިއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ކިރްގިސްތާނުގެ އިތުރުން، ތަޖިކިސްތާން އަދި އަފްޣާނިސްތާނެވެ.