ޚަބަރު

ޕީޖީއަށް ޢައްބާސް އައްޔަންކުރުމަށް ޢާންމުންގެ ޝަކުވާއެއް އޮތްނަމަ ހުށައަޅަން ހުޅުވާލައިފި


  • ޝަކުވާއަށް ހުޅުވާލާފައިވަނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވާފައިވާ އަލްއުސްތާޛް ޢައްބާސް ޝަރީފާ ގުޅޭގޮތުން އާންމުންގެ ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އެކި މުއައްސަސާތަކަށް އައްޔަންކުރައްވާ މެންބަރުން އައްޔަން ކުރެއްވުމުގެ ކުރިން ކޮމިޓީ މަރުހަލާގައި އާންމުންގެ ޝަކުވާއާއަށް ހުޅުވާލައެވެ. އެގޮތުން ޢައްބާސްއާ ގުޅޭ ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ހުށަހަޅުމުގެ ފުރުސަތު ހުޅުވާލީ ޖުޑީޝަރީ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުންނެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛް ޢައްބާސް ޝަރީފްގެ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވުމުން މަޖިލީހުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ޢައްބާސް ޝަރީފްގެ ނަން ހުށަހެޅުއްވީ އެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލެއްވުމަށްފަހުއެވެ. މި ފުރުސަތުގައި ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ނަންތައްވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ޢައްބާސްގެ އިތުރުން އެ މަޤާމަށް ކުރިމަތިލެއްވީ، މަރްޔަމް ނިހާޔަތު، އަޙްމަދު ޙައިލަމް، ޢަލީ ސަމީރު، އަޙްމަދު ޔާމީން އަދި އިބްރާހީމް ޢަލީއެވެ.

ޖުޑީޝަރީ ކޮމިޓީން ޢައްބާސްއާ ގުޅޭގޮތުން އާންމުންގެ ޝަކުވާއަށް ހުޅުވާލާފައިވަނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. އެ ދުވަހު ޢައްބާސްއާ އިންޓަވިއު ކުރުމަށް ކޮމިޓީގެ އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށް ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވަނީ ވިދާޅުވެފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އަލްއުސްތާޛް ޙުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ މަޤާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވާފައިވާ އަލްއުސްތާޛް އައްބާސް ޝަރީފް މިހާރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ސެކްރެޓްރީގެ މަގާމުގައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނު ބުނާގޮތުން ޕީޖީގެ މަޤާމު އެއްވެސް ޙާލަތެއްގައި ހުސްވެއްޖެނަމަ، މަޤާމު ހުސްވާތާ ލަސްވެގެން 30 ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު ޢައްޔަންކުރަން ޖެހެއެވެ. އެހެންކަމުން، މިވަގުތު މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް ދައުރުން ޖަލްސާ ބޭއްވުމަށް ނިންމެވީވެސް ޕީޖީގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށެވެ. ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ ޖުޑީޝަރީ ކޮމިޓީން ދިރާސާ ކުރެއްވުމަށްފަހު މަޖިލީހުގެ ތަޅުމަށް ރިޕޯޓު ހުށަހެޅުމުން މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ޕީޖީގެ މަޤާމަށް އައްޔަންކުރެއްވުމަށް ނަން ފޮނުއްވާފައިވާ އަލްއުސްތާޛް އައްބާސް ޝަރީފަކީ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ޤާނޫނީ ދާއިރާގެ މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.

ޕީޖީ އައްޔަން ކުރެއްވުމަށް ދައުރުން ބޭރުން ދެ ޖަލްސާއެއް ބޭއްވުމަށް ނިމުނު ދައުރުގެ ފަހު ޖަލްސާގައި ރިޔާސަތުން ވަނީ ނިންމަވާފައެވެ. މިރޭގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުން އިއުލާންކުރެއްވި ގޮތުގައި ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހުއެވެ.