ޚަބަރު

އިރުގެ އަވިން ކަރަންޓު އުފެއްދުމުގެ މަޝްރުޢޫ ފެށުން


އޭޝިޔަން ޑިވްލޮޕްމަންޓް ބޭންކް، އޭޑީބީގެ ހިލޭ އެހީގައި ފަސް ރަަށެއްގައި ކުރިއަށްގެންދާ އިރުގެ އަވިން ކަރަންޓް އުފައްދުމުގެ ބިޔަ މަޝްރޫޢު ފައްޓަވައިފިއެވެ. މި މަޝްރޫޢުގެ ފެށުން އޮތީ އައްޑޫސިޓީގައެވެ.

2.5 މެގަވޯޓްގެ ސޯލާ ނިޒާމު ހަރުކޮށްެގެން، އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރިއަށްގެންދާ ފަސް ރަށަކީ، އައްޑޫސިޓީ އާއި، ބ.ގައިދުއާއި. ޅ.ކުރެންދުއާއި، ތ.ބުުރުންޏާއި، އަދި ގއ. ވިލިނގިއްޔެވެ. މިއީ ރާއްޖޭގެ ރަށްތަކުގައި ދުވާލުގެ ޕީކް ގަޑިތަކުގައި އުފެދޭ ކަރަންޓްގެ ތިރީސް އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން މިހާތަަނަށް ކުރިއަށްގެންދަވާ އެންމެ ބިޔަ މަޝްރޫޢުއެވެ. މި މަޝްރޫއު ކުރިއަށްގެންދަވަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެނެވެ.

މި މަޝްރޫޢުގެ ފެށުން އޮތީ އައްޑޫސިޓީ ހިތަދޫ ސްކޫލްގައެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫސިޓީގެ ގުޅިފަިއވާ ރަށްތަކުގައި 1.6 މެގަވޯޓްގެ ސޯލާ ޕެނަލް ހަރުކޮށް، ދުވާލުގެ ޕީކް ގަޑީގައި އުފައްދާ ކަރަންޓްގެ 30 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ. 

img:http://s2.psmnews.mv/images/660x400/14647044270858.jpg|އެންވަޔަރމަންޓް މިނިސްޓަރ ސޯލާ ޕެނަލެއް ހަރުކޮށްދެއްވަނީ

ހިތަދޫ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި، އެންވަޔަރމަންޓް މިނިސްޓަރ ތާރިގް އިބްެރާހީމް ވިދާޅުވީ، ސަރުކާރުން ބޭނުންވާ އަމާޒަކީ، އިޢާދަކުރަނިވި ހަކަތަ އުފައްދައިގެން، ތެލަށް ކުރާ ޚަރަދު ކުޑަކުރުން ކަމަށެވެ. އަދި ތެލަށް ކުރާ ޚަރަދު ކުޑަކުރުމަކީ ޢުމުުރާނީ ތަރައްޤީގެ މަޝްޜޫޢުތަކަށް ފައިސާ ރައްކާކޮށް، އެ ފައިސާއިން ގައުމު ބިނާ ކުުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިޢާދަކުުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢު 2018 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ އަމާޒުކަމަށް މިނިސްޓަރ ތާރިގް ވިދާޅުވިއެވެ. މިއަހަރުގެ ތެރޭގައި 10 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ސޯލާ ނިޒާމް ހަރުކުުރުމަށް ބަޔަކާ ޙަވާލުކުުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫސިޓީގެ ތަރައްޤީއާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، އައްޑޫސިޓީއަކީ ހަޤީޤީ މާނައިގައި ސިޓީއަކަށް ހެއްދެވުމަށް ސަރުކާރުން މަސައްކަތްތަކެެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ތިމާވެއްޓާއި ހަކަތައިގެ ދާއިރާއަށް ބެލި ނަމަވެސް އަދި އެހެން ދާއިރާތަކުންވެސް އައްޑޫސިޓީއަށް މި ސަރުކާރުން ތަރައްޤީ ގެންނަމުންދާކަން މިނިސްޓަރ ތާރިގް ފާހަގަކުރެއްވިއެވެ.

މިމަޝްރޫޢުގެ ދަށުން އައްޑޫގައި އެންމެ ފުރަތަމަ ހަރުކުރީ ހިތަދޫ ސްކޫލްގެ ފުރާޅުގައެވެ. ސޯލާޕެނަލްތައް ހަރުކޮށްދެއްވީ އެންވަޔަރމަންޓް މިނިސްޓަރ ތާރިގް އިބްރާހީމްއެވެ. އެ މަނިކުފާނާއެކު ހިތަދޫގެ އެކި ސްކޫލްތަކުގެ ދަރިވަރުންވެސް ވަނީ ސޯލާ ޕެނަލްތައް ހަރުކުުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައެވެ. ހިތަދޫ ސްކޫލްގެ އިތުރުން، އައްޑޫގެ އިޖުތިމާޢީ ޢިމާރާތްކުގައި އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ސޯލާ ޕެނަލްތައް ހަރުކޮށް ނިމޭނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.