ޚަބަރު

ޖަމްއިއްޔާތަކަށް ދެއްވާ ފައިސާގެ އެހީއަށް އެދި ހުށަހެޅުން


ޖަމްއިއްޔާތަކުގެ ތަރައްޤީއަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު ހޯމް މިނިސްޓްރީން އިތުރުކުރައްވައިފިއެވެ. 

މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ވިދާޅުވީ ޖަމިއްޔާތަކަށް ދޫކުރާ ފައިސާގެ އެހީއަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 29 ވަނަދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ހުށައަޅަންޖެހޭނެކަމަށެވެ.

މިހާތަނަށް މި އެހީއަށް އެދި 27 ޖަމިއްޔާއަކުން ހުށައަޅާފައިވާކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

"އެންޖީއޯ ސްމޯލް ގްރާންޓް ޕްރޮގްރާމް"ގެ ދަށުން ޖަމިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށާއި މެމްބަރުން ނުވަތަ މުވައްޒަފުންގެ ކެޕޭސިޓީ އިތުރުކުރުމަށް ތިރީސް ހާސް ރުފިޔާ ދޫކުރެވޭނެއެވެ. އަދި ސަރުކާރުގެ ސިޔާސަތާއި ގުޅޭ ގޮތުން ހިންގޭ ތަރައްގީގެ މަޝްރޫއުތަކަށާއި އެއްބައިވަންތަކަމާއި ގައުމީ ރޫހު ދިރުވަން ކުރެވޭ ކަންކަމަށް ދެ ލައްކަ ރުފިޔާއާއި ހަމައަށް ފައިސާ ދޫކުރެވޭނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

މި އެހީއަށް އެދި ޖަމިއްޔާތަކުން ހުށައަޅާ ޕްރޮޕޯޒަލްތައް އިވެލިއޭޓްކުރުމަށް ހަމަޖެހިފައިވަނީ 5 މެމްބަރުންގެ ކޮމެޓީއަކުންނެވެ. މި ކޮމެޓީގައި ހޯމް މިނިސްޓްރީން ކަނޑައަޅާ ދެ މެމްބަރަކާއި ޔޫތް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އަދި ޔޫއެންޑީޕީން ކޮންމެ ތަނަކުން މެމްބަރަކު ހިމެނޭނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ ޖަމްއިއްޔާތަކަށް ދޫކުރާ ފައިސާގެ އެހީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްދެއްވީ ވީހާވެސް ގިނަ ޖަމްއިއްޔާތަކަށް އެ ފުރުސަތު ދެއްވުމަށްކަމަށެވެ.