ޚަބަރު

ވެމްކޯގެ ރިސޯޓް ކަލެކްޝަން ޚިދުމަތް ނ. އަތޮޅަށް


  • ރ.އަތޮޅުގެ ބައެއް ރިސޯޓްތަކަށް މި ޚިދުމަތް ދޭ

  • ނ.އަދި ރ. އަތޮޅު ރިސޯޓްތަކުން ނަގާ ކުނި ގެންދަނީ ވަންދޫއަށް

ވެމްކޯގެ ރިސޯޓް ކަލެކްޝަން ޚިދުމަތް ނ. އަތޮޅަށް ތަޢާރަފްކޮށްފިއެވެ. މިގޮތުން އެންމެ ފުރަތަމަ މި ޚިދުމަތް ތަޢާރަފްކޮށްފައިވަނީ އެ އަތޮޅު ނޮކު މޯލްޑިވްސްގައެވެ.

ރިސޯޓުތަކުން ކުނި އުކާލުމުގެ މަސައްކަތް ވެމްކޯއިން ފަށާފައިވަނީ ރިސޯޓްތަކުން ކުނި މެނޭޖުކުރުމުގެ ކަންކަން އެންމެ ރަނގަޅަށް ތަންފީޒުކުރަމުން ނުދާތީކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލަ ބޮޑަށް ކުރިމަތިވަނީ ރިސޯޓްތަކުން ކުނި އުކާލަން ހަވާލުކުރާ ކޮންޓްރެކްޓަރު، މޫދަށް ކުނި އެޅުން ނުވަތަ ޓްރާންސްފަރ ސްޓޭޝަނާ ހަމައަށް އެކަށީގެންވާގޮތުގައި އެ ކުނިތައް ނުގެންދާތީކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން ވެމްކޯއިން މިހާރު ވަނީ ރިސޯޓްތަކުން ކުނި ނެގުމުގެ މަސައްކަތްތައް ފަށާފައެވެ. އެގޮތުން މި ޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ރ. އަތޮޅުގެ 3 ރިސޯޓުގައެވެ. މީގެ އިތުރުން މިހާރު ވަނީ އެ ޚިދުމަތް ނ. ނޮކު މޯލްޑިވްސްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަހީދު އިބްރާހީމެވެ.

ވެމްކޯއިން ވިދާޅުވީ ނ. އަދި ރ. އަތޮޅުގެ ރިސޯޓްތަކުން ނަގާ ކުނި ގެންދަނީ ވަންދޫ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށްކަމަށެވެ.

ވެމްކޯއިން ވިދާޅުވީ، ރިސޯޓްތަކުން ކުނި ނެގުމުގެ ޚިދުމަތް ދިނުމަށްޓަކައި އިތުރު ރިސޯޓްތަކައެކުވެސް އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި އާންމުގޮތެއްގައި ރިސޯޓްތަކާއެކު އެއްބަސްވުންތައް އެކުލަވަލަނީ 1 އަހަރުދުވަހުގެ މުއްދަތަކަށްކަމަށާއި އެ ޚިދުމަތް ދިނުމަށް އެކި ޕެކޭޖްތައްވެސް އެކުލަވާލާފައިވާކަމަށެވެ.

ވެމްކޯގެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ރިސޯޓުތަކުން ކުނި ނަގައިގެންނެވެ. އެގޮތުން އެކުންފުނިން އަންނަ އަހަރު މެދެއްހާ ހިސާބުގައި ރާއްޖޭގެ 50 އިންސައްތަ ރިސޯޓަށް ޚިދުމަތް ދިނުމަށް ވަނީ އަމާޒު ހިފާފައެވެ.