ޚަބަރު

ޕީޖީ ޢައްޔަންކުރެއްވުމަށް ދައުރުން ބޭރުން ބާއްވާ ޖަލްސާ މިރޭ


  • ދައުރުން ބޭރުން ޖަލްސާ ބާއްވަން ސޮއި ވަނީ ހަމަކޮށްފައި

  • ދައުރުން ބޭރުން 2 ޖަލްސާ ބާއްވަން ނިމުނު ދައުރުގެ އެންމެ ފަހު ޖަލްސާގައި ވަނީ ނިންމާފައި

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް މިއަދު ބޭއްވުމަށް ނިންމާފައިވާ ޖަލްސާ މިރޭ ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދައުރުން ބޭރު ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުގައެވެ. 20 ވަނަ މަޖިލީހުގައި 92 މެންބަރުން ތިއްބަވާއިރު 31 މެންބަރުންގެ ސޮއި ބޭނުންވާއިރު އެ އަދަދަށް ސޮއި ހަމަވެފައިވާ ކަމަށް މަޖިލީހުގެ ޕީއެންސީ ޕާލަމަންޓްރީ ގްރޫޕުން ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލުން ބޭފުޅަކު ޢައްޔަންކުރުމަށް ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވަން ނިމުނު ދައުރުގެ ފަހު ޖަލްސާގައިވަނީ ނިންމާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން އެ މަޤާމު އެއްވެސް ޙާލަތެއްގައި ހުސްވެއްޖެނަމަ، މަޤާމު ހުސްވާތާ ލަސްވެގެން 30 ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު ޢައްޔަންކުރަން ޖެހެއެވެ. ޕީޖީގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި އަލްއުސްތާޛް ޙުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ މަޤާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

ޕީޖީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިއަދު މެންދުރު 12:00އާ ހަމައަށް ހުޅުވާލާފައެވެ.