ޚަބަރު

ސިނަމާލެ ބްރިޖު ޕެޓްރޯލް ކުރަން ސައިކަލު ބޭނުންކުރަން ފަށަނީ


  • ޕެޓްރޯލްކުރުމަށް މިހާރު ބޭނުންކުރަނީ ކާރު

  • ސައިކަލްގެ ސަބަބުން ކުށްކުރާ މީހާ ހުއްޓުވުމަށް ފަސޭހަވާނެކަމަށް ވިދާޅުވި

ސިނަމާލެ ބްރިޖު ޕެޓްރޯލް ކުރަން މިހަފުތާ ތެރޭ ސައިކަލު ބޭނުންކުރަން ފަށާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ޕެޓްރޯލްކުރަން މިހާރު ފުލުހުން ބޭނުންކުރަނީ ކާރެވެ.

މާލެ ސަރަޙައްދުގެ މަގުތަކަކީ ރައްކާތެރިތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ލުތުފީ ވިދާޅުވީ ސިނަމާލެ ބްރިޖަކީ އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގާ އެއްތަންކަމަށެވެ. އަދި ބްރިޖުގައި ހިނގާ އެކްސިޑެންޓުތަކުން ލިބޭ ގެއްލުން ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.

އެފަދަ އެކްސިޑެންޓުތައް މަދު ކުރުމަށް ބްރިޖުގައި ޕެޓްރޯލުކުރުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ލުޠުފީ ވިދާޅުވީ މިހަފުތާ ނިމުމުގެ ކުރިން ޕެޓްރޯލް ކުރުމަށްޓަކައި ސައިކަލު ބޭނުން ކުރަން ފަށާނެކަމަށެވެ.

ލުޠުފީ ވިދާޅުވީ ބްރިޖުގައި ޕެޓްރޯލު ކުރުމަށް ސައިކަލު ބޭނުން ކުރަން ފެށުމުން އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ބްރިޖް އަރިމަތީގައި ޕާކުކޮށްގެން ފޯނުކުރުން ފަދަ ކަންކަމުގައި މަޑުކޮށްގެން ތިބޭ މީހުން ފޮނުވާލަން ފަސޭހަވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މާލެ ތެރެެއާއި ހުޅުމާލޭގައި ފުލް ޕެޓްރޯލް ކުރާ ގޮތަށް ޕޮއިންޓް ހަދައިގެން ދިމަ ދިމާލުގައި ތިބުމަކީ ފަސޭހަ ކަމެއް ނޫން. އެހެންވީމަ އަޅުގަނޑުމެން މިއަދާ ހަމައަށް ޕެޓްރޯލް ކުރަމުން މިއައީ ކާރު ބޭނުންކޮށްގެން. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ މި ބަލަނީ މި ހަފުތާ ނިމުމުގެ ކުރިން ސައިކަލު ބޭނުން ކުރަން ފަށަން" ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ލުތުފީ ވިދާޅުވިއެވެ.

ބްރިޖުގައި ބޮޑު އެކްސިޑެންޓެއް ހިނގައިފިނަމަ ޓްރެފިކަށް ވަރަށް ބޮޑަށް ބުރޫއަރާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ސައިކަލު ބޭނުން ކުރަން ފެށުމުން އެފަދަ ސީންތަކަށް ވީހާވެސް އަވަހަށްދާން ފަސޭހަވެ އަވަހަށް ޓްރެފިކް ފްލޯ ހަމައަކަށް އެޅުމަށްވެސް ފަސޭހަވާނެކަމަށެވެ.

ބްރިޖް ޕެޓްރޯލްކުރުމަށް ސައިކަލު ތައާރަފްކުރުމަކީ މިހާރަށް ވުރެ ބޮޑަށް ބުރިޖު މަތީގައި ފުލުހުންގެ ހަރަކާތްތައް އިތުރުވެ ކުށްކުރާ ފަރާތްތައް ދެނެގަތުމަށް އެޅޭ ރަނގަޅު ފިޔަވަޅަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖްގައި އެންމެ ބާރު ބޮޑުވާ ވަގުތުތަކުގައި ފުލުހުން އަންނަނީ ޓްރެފިކްގެ ކަންކަން ބަލަހައްޓަމުންނެވެ. އަދި ޤަވާއިދާ ޚިލާފަށް ބްރިޖްގައި ވެހިކަލް ދުއްވާ ފަރާތްތަކަށާއި ޤަވާއިދާ ޚިލާފަށް މުދާ އުފުލާ ފަރާތްތަކަށް ފުލުހުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވެއެވެ. އެހެންކަމުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަންނަނީ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދަމުންނެވެ.