ޚަބަރު

ބިލީޖީން ކިންގް ކަޕް ޖޫނިއާސް: އިންޑިއާ ދެކޮޅަށް ރަނގަޅު ވާދައެއް


  • ރާއްޖެ ހިމެނެނީ އިންޑިއާ، ޗައިނާ އަދި އިންޑޮނޭޝިއާއާއި އެކު އެއް ގުރޫޕެއްގައި

  • މާދަމާ ނިކުންނާނީ ޗައިނާއާއި ދެކޮޅަށް

ބިލީ ޖީން ކިންގް ކަޕް ޖޫނިއާސްގެ ފައިނަލް ކޮލިފިކޭޝަނުގައި ރާއްޖޭގެ ޒުވާން ޓީމު އިންޑިއާއާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފިއެވެ.

ރާއްޖޭގެ 16 އަހަރުން ދަށުގެ އަންހެން ޓެނިސް ޓީމު ކަޒަކިސްތާނުގައި މިއަދު ފުަރަތަމަ މެޗުގައި ނިކުތީ އިންޑިއާއާއި ދެކޮޅަށެވެ.

ރާއްޖޭގެ އުންމީދީ ޒުވާން ޓީމުން އިންޑިއާއި ދެކޮޅަށް ނިކުތް ޑަބަލްސް މެޗުގައި 7-6، 3-6 އަދި 11-09 ން ކާމިޔާބުކުރީ ރާއްޖެއިންނެވެ. އެހެންނަމަވެސް ސިންގަލްސް މެޗުތައް ގެންދިޔައީ އިންޑިއާއިންނެވެ.

ފުރަތަމަ ސިންގަލްސް މެޗުގައި 6-1، 6-0 ގެ ނަތީޖާއަކުން ދެ ސެޓު ކާމިޔާބުކުރީ އިންޑިއާއިންނެވެ.

ދެވަނަ ސިންގަލްސް މެޗު އިންޑިއާއިންކާމިޔާބުކުރީ 6-1، 6-1 ގެ ނަތީޖާއަކުންނެވެ. ޓައި ބްރޭކްގައި
ރާއްޖެ އިންޑިއާއަތުން ބަލިވީ 2-1 ންނެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނެނީ އިންޑިއާ، ޗައިނާ އަދި އިންޑޮނޭޝިއާއާއި އެކު އެއް ގުރޫޕެއްގައެވެ. މާދަމާ ރާއްޖެ ނިކުންނާނީ ޗައިނާއާއި ދެކޮޅަށެވެ.

‎މެއި 11 ން 16 އަށް ކަޒަކިސްތާނުގެ ޝިމްކެންޓުގައި ބާއްވާ ފައިނަލް ބުރުގައި ރާއްޖެ ތަމްސީލުކުރާނީ މަންހާ މުހައްމަދު، އައިޝަތު ކަރިން ސައިޒާން އަދި ކިޔާރާ އުސާމާ އަލީއެވެ. ޓީމުގެ މެނޭޖަރަކީ އައިމިނަތު އިރުފާ މާހިރެވެ. ރާއްޖޭ ޓީމުގެ ކެޕްޓަނަކީ ގައުމީ ކޯޗު، އީރާނުގެ އަލީ ރިޒާއެވެ.

މިއީ ރާއްޖޭގެ ޖޫނިއާ ޓީމުން ބިލީ ޖީން ކިންގް ކަޕްގެ އޭޝިއާ /އޯޝޭނިއާ ގުރޫޕްގެ ފައިނަލް ކޮލިފިކޭޝަނަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ރާއްޖެއިން ފައިނަލް ބުރަށް ދަތުރުކުރީ ސްރީލަންކާގައި މިދިޔަ މަހު އޮތް ޕްރީ ކޮލިފިކޭޝަނުގައި ދެއްކި މޮޅުކުޅުމާއެކު ގުރޫޕްގެ ތިންވަނަ ހޯދައިގެންނެވެ. ޕްރީ ކޮލިފިކޭޝަންގައި ވާދަކުރީ ނަބާ ނިޝާން، މަންހާ އަދި ކިޔާރާއެވެ.