ޚަބަރު

ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭ: ވަޒީރު އިހުސާން


  • ޤައުމުތައް ގުޅިގެން މަސައްކަތް ކުރަން މަޖުބޫރުފައިވާކަން ވަޒީރު ފާހަގަކުރެއްވި

ދުނިޔޭގެ ފެންވަރުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ދާޚިލީ ސަލާމާތާއި ފަންނީއްޔާތާބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޗައިނާގެ ޖިއަންސޫ ޕްރޮވިންސުގައި ކުރިއަށްދާ ގްލޯބަލް ޕަބްލިކް ސެކިއުރިޓީ ފޯރަމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ފޯރަމުގައި ވަޒީރު އިހުސާން ދެއްވި ތަޤުރީރުގައި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ބަވަނަވެފައިވާ ދުނިޔޭގައި މިއަދު ކުށްތައް ހިންގާގޮތާއި އެކަމުގެ ނުރައްކާ ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ސައިބަރކްރައިމްއާއި، ޓެރަރިޒަމާއި އެކިޤައުމުތަކުގެ ތެރޭގައި ހިންގާ ބޮޑެތި ކުށުގެ ނެޓްވޯޓުތަކުން ގުޅިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ޤައުމުތައް އެކުގައި މަސައްކަތްކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިގޮންޖެހުންތައް ހައްލުކުރަން ގުޅިގެން މަސައްކަތްކުރަން ޖެހޭ. އެ މަސައްކަތް ވާން ޖެހޭނީ ޤައުމުތަކުގެ އިޙްތިރާމް އޮންނަ ގޮތަށް، އެކުގައި ޒިންމާވާގޮތަށް އެއް ލަނޑުދަނޑިއެއް ހާސިލްވާ ގޮތަށް ކުރެވޭ މަސައްކަތަކަށް. އަދި އެންމެ ޤައުމަކަށް މިމައްސަލަތަކަށް އެކަނި ހައްލެއް ނުގެނެވޭނެ" ވަޒީރު އިހުސާން ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ޤައުމުތަކުގެ މެދުގައި ހުރި ތަފާތުތައް އެއް ފަރާތްކޮށް، އެއް މަޤްޞަދެއް ހާސިލް ކުރުމަށް ޤައުމުތަކާއި ޖަމާޢަތްތަކާއި އަދި އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަން މިއަދު މަޖުބޫރުކަމަށް ވިދާޅުވިއެވެ، އަދި މިކަމުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތް ދުނިޔެ ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޗައިނާގެ ޖިއަންސޫގައި ޕްރޮވިންސްގައި ކުރިއަށްދާ ގްލޯބަލް ޕަބްލިކް ސެކިއުރިޓީ ފޯރަމުގައި ތަޤުރީރުކުރެއްވުމުގެ އިތުރުން، ވަޒީރު އިހުސާން ވަނީ އެ ފޯރަަމްގެ ހަވާސާގެ ތެރެއިން މިނިސްޓަރ ފޯރ ޕަބްލިކް ސެކިއުރިޓީ ވަންގް ޝިއާހޮންގްއާއި ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާފައެވެ.