ކުރިން ޤާނޫނު ތަންފީޒު ނުކުރުމަކީ މިއަދުވެސް ޤާނޫނު ތަންފީޒު ނުކުރަންވީ ހުއްޖަތެއް ނޫންކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ. ޝަމްޢާން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ ޤާނޫނުތައް ހެދިފައިވަނީ އެކަކު ނުވަތަ ދެ މީހަކު ބޭނުންވާ ގޮތަކަށް ނޫން ކަމަށެވެ. އެއީ އާންމު އެންމެހާ ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤާނޫނުތައް ކަމަށާއި އެ ޤާނޫނުތައް ތަންފީޒުކުރުމުން ހިތްހަމަނުޖެހޭ ބަޔަކު އުޅެދާނެކަމަށް ޝަމްޢާން ވިދާޅުވިއެވެ.
ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ ކުރިން ޤާނޫނު ތަންފީޒު ނުކޮށް އޮތުމަކީ މިއަދު ހަމަ އެގޮތަށް ކަންކަން އޮންނަން ޖެހޭ ހުއްޖަތެއް ނޫން ކަމަށެވެ. އަދި އެންމެންގެ ރައްކާތެރިކަމަށްޓަކައި އިމިގްރޭޝަނަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ޝަމްޢާން ވިދާޅުވިއެވެ.
ޤާނޫނުތައް ހެދިފައިވަނީ އެކަކު ނުވަތަ ދެމީހެއްގެ ކޮންވީނިއަންސަކަށް ނޫން. އާއްމު އެންމެހާ ފަރުދުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ ހެދިފައިވާ ޤާނޫނުތައް ތަންފީޒުކުރުމުން ހިތްހަމަ ނުޖެހޭ ބަޔަކު އުޅެދާނެ. ކުރިން ޤާނޫނު ތަންފީޒު ނުކޮށް އޮތުމަކީ މިއަދު ހަމަ…
— Mohamed Shamaan Waheed (@ShamaanW) September 10, 2024
ކޮންޓްރޯލަރ ޖެނެރަލް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއް އެ އިދާރާއިން ވަނީ ފަށައިފައެވެ. މި އޮޕަރޭޝަނުގެ ދަށުން ބިދޭސީން ގަވާއިދާ ޚިލާފަށް ރާއްޖޭގައި ހިންގާ ގިނަ ޢަދަދެއްގެ ވިޔަފާރިތައް ދެނެގަނެ އެ ވިޔަފާރިތައްވެސް ވަނީ ހުއްޓުވާފައެވެ.
މާލޭގައި ކުރިއަށްގެންދާ މި އޮޕަރޭޝަން އަތޮޅުތަކަށް ފުޅާ ކުރުމަށްވެސް ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްއާން ވަޙީދު ވަނީ ނިންމަވާފައެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްރަށާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.