ކުޅިވަރު

ބެލްޖިއަމް ބަލިކޮށް، ފްރާންސުން ފުރަތަމަ މޮޅު ހޯދައިފި


ޔުއެފާ ނޭޝަންސް ލީގުގައި އަމިއްލަ ދަނޑުގައި 0-2 ގެ ނަތީޖާއަކުން ބެލްޖިއަމް ބަލިކޮށް، ފްރާންސުން މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މިއަހަރުގެ މުބާރާތުގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހުކުރު ދުވަހު އަމިއްލަ ދަނޑުގައި ވަނީ އިޓަލީ އަތުން 1-3 އިން ބަލިވެފައެވެ. އަނެއްކޮޅުން، މިއީ މިދިޔަ 70 ދުވަހުގެ ތެރޭގައި ބެލްޖިއަމްގެ މައްޗަށް ފްރާންސުން ކުރިހޯދީ ދެވަނަ ފަހަރެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ މެޗުން ފްރާންސް މޮޅުވީ 1-0 އިންނެވެ.

ފްރާންސުން ރޭގެ މެޗަށް ނިކުތްއިރު އެންމެ ފަހުން އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ވަނީ އަށް ބަދަލެއް ގެނެސްފައެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް ފުރުޞަތު ދީފައިވަނީ ގޯލްކީޕަރު، މައިކް މައިގްނޯން، އެންގޯލޯ ކާންޓޭ އާއި ވިލިއަމް ސަލީބާ އަށެވެ. ކުރީ މެޗުގެ ފުރަތަމަ އެގާރައިން ފެނިގެންދިޔަ އެ ޓީމުގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ރޭގެ މެޗު ފެށީ ބެންޗުންނެވެ.

ލިޔޯންގެ ގްރޫޕާމާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ބެލްޖިއަމުން ރަނގަޅަށް ކުޅެ، ފްރާންސްގެ ޑިފެންސަށް އުނދަގޫތައް ކުރިމަތިކުރިއިރު، ފްރާންސުން ލީޑްނެގީ މެޗުގެ 29 ވަނަ މިނެޓުގައި ޕީއެސްޖީގެ ފޯވާޑް، ރަންޑަލް ކޯލޯ މުއާނީ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ހަލުވި ވިންގް، އޮސްމާނޭ ޑެމްބެލޭ ޕެނަލްޓީއޭރިޔާ ތެރެއިން ފޮނުވާލި ބޯޅައެއް ބެލްޖިއަމްގެ ކީޕަރު، ކޮއެން ކަސްޓީލްސް އަތުގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ މުއާނީ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މި ބޯޅަ ގޯލްގެތެރެއަށް ވަނީ ގޯލްގެ ރޮނގުމަތީގައި ހުރި ވައުޓް ފޭސްގެ ގައިގަ ޖެހިފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 12 ވަރަކަށް މިނެޓުގެ ތެރޭގައި ފްރާންސްގެ ދެވަނަ ލަނޑުޖަހައިދިނި ޑެމްބެލޭ އެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު، ކާންޓޭ ދިން ޕާހަކުން އެ ބޯޅަ ހިފައިގެން ޕެނަލްޓީއޭރިޔާ ތެރެއަށް ވަދެ، ބެލްޖިއަމްގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ރީތި ގޯލެކެވެ.

މި މެޗުގެ 79 ވަނަ މިނެޓުގައި މަޓެއޯ ގެންޑޫޒީގެ ބަދަލުގައި ކުޅެން ނިކުތް އެންޓޮއިން ގްރީޒްމަން ވަނީ ފްރާންސްގެ ޖާޒީގައި މިހާތަނަށް 137 މެޗު ހަމަކޮށް، ތިންވަނަ އަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުރީގެ ފޯވާޑް، އޮލިވިއޭ ޖިރޫއާ އެއްވަރުކޮށްފައެވެ. ޖިރޫ އަކީ މިހާތަނަށް ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ކުޅުންތެރިޔާ ވެސް މެއެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ސައިޕްރަސްގެ ދަނޑުގައި ފަސޭހަކަމާއެކު ކޮސޮވޯ ވަނީ 4-0 އިން މޮޅުވެފައެވެ. ރުމޭނިއާގެ ދަނޑުގައި އެ ޓީމުން ވަނީ 3-1 އިން ލިތުއޭނިއާ ބަލިކޮށްފައެވެ.