ހަތަރުފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި އެ ބިމުގައި ޕާކްކުރުމުގެ ފުރުޞަތު ލިބޭނެކަމަށެވެ.
ހަތަރުފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ހުޅުމާލެއިން ހަމަޖައްސާފައިވަނީ ހުޅުމާލެ ސަހަރާ މިސްކިތް ކުރިމައްޗަށް އޮތް ބިމެވެ. 90،000 އަކަފޫޓުގެ މި ބިމުގެ 50،000 އަކަފޫޓް ޚާއްސަކޮށްފައިވަނީ ޓެކްސީތައްފަދަ ހަތަރުފުރޮޅުލީ ވެހިކަލްތަކަށެވެ. އަދި 40،000 އަކަފޫޓްގެ ސަރަޙައްދު ޚާއްސަކޮށްފައިވަނީ ހުޅުމާލެ މަގުތަކުގައި ޤަވައިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމަށްފަހު ގެނެސް ބެހެއްޓުމަށެވެ.
މި ބިމުގައި ޕާކްކުރުމަށް ހުޅުވާލުމުގެ ކުރިން ބިން ސާފުކުރުމުގެ މަސައްކަތާއި ބިމުގެ ފަސްގަނޑު އެއްވަރުކުރުކޮށް ހަރުކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކަ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި އެ ބިމުގައި ޕާކްކުރުމުގެ ފުރުޞަތު ލިބޭނެކަމަށެވެ. ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ މާލެ ސަރަހައްދުގައި ހުސްކޮށް އޮތް ބިންތަކުގައި ވަގުތީގޮތުންނަމަވެސް ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ މުހިއްމުކަމަކަށްވާތީ އެކަން ކުރުމުގެ މަސައްކަތްތައްވެސް ކުރައްވަމުންގެންދަވާކަމަށެވެ.
"މިތަނަކީވެސް ރައީސް ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އެއްކަން. މިތަނަށް އެބައޮތް އެޗްޑީސީގެ ޕްލޭނެއްވެސް. އެ ޕްލޭން އަންނަންދެން މި ތަން ބޭނުންކުރެވޭނެ." ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ހެޑް މުޙައްމަދު ދާއޫދު ވިދާޅުވީ ވަގުތީ ޕާކިން ސަރަޙައްދެއް ހަމަޖެއްސުމަކީ މާލޭއާއި ހުޅުމާލޭގެ މަގުތައް ރައްކާތެރި ގޮތުގައި ބޭއްވުމަށްޓަކައި ކުރެވޭ މަސައްކަތަށް އެހީތެރިވެދޭނެކަމެއްކަމަށެވެ.
"ޤަވައިދާ ޚިލާފަށް ޕާކްކުރާ ފަރާތްތަކަށްވެސް އަޅުގަނޑުމެން މި ހޯދާދެނީ އިތުރު ފުރުޞަތެއް. މި ތަނުގައި ދުއްވާ ޓެކްސީތައް ޕިކަޕްތައް ރޭގަނޑުވީމަ މިތަނުގައި ޕާކްކޮށްލުމަށްފަހު އަނެއްދުވަހު އޭނާގެ މަސައްކަތަށް އަނެއްކާވެސް ނުކުންނަން ވީ" ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ހެޑް މުޙައްމަދު ދާއޫދު ވިދާޅުވިއެވެ.
ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކްކުރުމަށް ވަގުތީ ބިމެއް ހަމަޖައްސާފައިވާއިރު ދާދިފަހުން ވަނީ ގަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް ބޭނުންކުރަމުންދާ އުޅަނދުތަކުގެ ރަޖިސްޓްރީއާ އެހެނިހެން ކަންކަން އިސްލާހުކުރަންދެން، ވަގުތީގޮތުން އެ އުޅަނދުތައް ބޭއްވުމަށްވެސް ބިމެއް ހަމަޖައްސާފައެވެ.
މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ އުޅަނދުތައް ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުންގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރާ އުޅަނދުތައް ލިމިޓްކުރުމާއި، އުޅަނދުތަކުގެ ޢުމުރު ކަނޑައެޅުމާއި، ޕާކިންއަށް ޚާއްސަ ސަރަޙައްދުތައް ކަނޑައެޅުން ހިމެނެއެވެ.