ޚަބަރު

ރޮނާލްޑޯގެ ލަނޑާއެކު ޕޯޗުގަލަށް މޮޅެއް


ޔުއެފާ ނޭޝަންސް ލީގުގައި ސްކޮޓްލަންޑާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ޕޯޗުގަލުން ކާމިޔާބުކޮށްފިއެވެ.

ޕޯޗުގަލްގެ ލިޒްބަން ގައި ކުޅުނު މި މެޗުގެ ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ސްކޮޓްލޭންޑް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ސްކޮޓް މެކްޓޮމިނޭ އޭރިޔާ ތެރޭގައި ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ސްކޮޓްލޭންޑް އިން ލަނޑެއް ޖަހާ ކުރި ހޯދި ނަމަވެސް ޕޯޗުގަލްއިން ވަނީ މެޗު ޑޮމިނޭޓްކޮށް ސްކޮޓްލޭންޑްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން ފުރަތަމަ ހާފްގައި އެ ޓީމުން ސޯޅަ ހަމަލަ ފޮނުވާލާފައިވެ އެވެ.

މި މެޗުގެ ލަނޑެއް ޖެހުމަށް ޕޯޗުގަލް އިން ކުރަމުން އައި މަސައްކަތަށް ހިތްހަމަޖެހުމެއް ލިބިގެންދިޔައީ މެޗުގެ 54 ވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ ސްކޮޓްލޭންޑްގެ އެންގަސް ގަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ބްރޫނޯ ފެނާންޑޭޒް ދުރުން ފޮނުވާލި ހަމަލައެކެވެ.

މި މެޗުން ޕޯޗުގަލް މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އޭނާ ޖެހި 901 ވަނަ ލަނޑެވެ.

މި ލަނޑާއެކު ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި 48 ގައުމާއި ދެކޮޅަށް ލަނޑު ޖަހާފައެވެ. އަދި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު އޭނާއަށް ލިބިފައިވާއިރު, އެހެން ކުޅުންތެރިއަކަށް މި ރެކޯޑް މުގުރާލުމަކީ ދުރު ކަމެއް ކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މި މެޗުން ބަލިވުމާއެކު ސްކޮޓްލޭންޑް ވަނީ މި މުބާރާތުގައި ކުޅުނު ދެ މެޗުންވެސް ބަލިވެފަ އެވެ. އަދި އެންމެ ފަހުން އެ ޓީމު ކުޅުނު އަށް މެޗުންވެސް މޮޅުވެފައެއް ނުވެއެވެ.

މި ގްރޫޕްގައި ރޭ ޕޮލެންޑާއި ދެކޮޅަށް ކްރޮއޭޝިއާ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ކްރޮއޭޝިއާ އެވެ.